ރިންގް ރޯޑުގެ ބަންޕަރުތަކުގެ މައްސަލަ ޙައްލުކުރުމުގެ މަޝްވަރާ މި ހަފުތާގައި ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލާ މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހު ކޮޅުގައި ކަމަށާއި، މި ހަފުތާގެ ތެރޭގައި ޕްލޭނިންގ މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ މައްސަލަ ޙައްލު ކުރުމުގެ މަޝްވަރާތައް ފަށާނެ ކަމަށެވެ.
ރިންގް ރޯޑުގަ ހުރި ބައެއް ބަންޕަރުތަކުގެ ބައެއް ދިމަދިމާލުން އަޑިއަށް ގޮސްފައި ހުރުމުން އެ ޞަރަޙައްދުތަކުގައި ދުއްވާ އުޅަނދުތަކަށް ދުއްވާ ފަރާތްތަކަށް ވަނީ ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ.
ޝަމާޢު ވިދާޅުވީ ކުރީގައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ހުރި ގޮތުން އެއްވެސް ސްޕެއަރ ސްޓޮކެއް ނެތް ކަމަށެވެ. އެގޮތުން ކާނު މަތިގަޑުތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން އެކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ. އަދި އެ ކާނުތައް ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވެސް ސިޓީ ކައުންސިލުން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ރިންގް ރޯޑު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގައި އީއައިއޭ ރިޕޯޓާއި ޚިލާފުވެފައި ވާތީ އީޕީއޭ އިން ހައުސިންގ މިނިސްޓްރީ ޖޫރިމަނާ ވެސް ކުރިއެވެ. މާލޭގެ ރިންގު ރޯޑު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތިއެވެ.