ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 12:02
ލުއި ފުޅި
ލުއި ފުޅި
ސަން އޮންލައިން
މޯލްޑިވް ގޭސް
ލުއި ފުޅިއަށް ބަދަލު ކުރުމުގެ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިިފި
ޕްރޮމޯޝަން ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން
ލުއިފުޅި އަށް ބަދަލު ކުރުމަށް ނަގާނީ 795ރ
ލުއިފުޅިތަކުން ގޭސް ހުސްވަމުންދާ މިންވަރު ވެސް އެނގޭނެ

ދަގަނޑު ގޭސް ފުޅި، ލުއި ފުޅިއަށް ބަދަލު ކުރުމުގެ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭހުގެ މާރކެޓިން އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރު، އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން ލުއި ފުޅިއަށް ބަދަލުކުރާ ކަސްޓަމަރުންނަށް ވަރަށް އަގުހެޔޮކޮށް ލުއި ފުޅިއަށް ބަދަލު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާނީ މިހާރު ހުރި ލުއި ފުޅީގެ ސްޓޮކް ހުސްވަންދެން ކަމަށެވެ.

އާންމު އުޞޫލުން ކަސްޓަމަރުން ލުއިފުޅި އަށް ބަދަލު ކުރާނަމަ 1،775ރ ދައްކަން ޖެހެއެވެ. އެހެންނަމަވެސް މޯލްޑިވް ގޭހުން މި ފެށި ޕްރޮމޯޝަނުގެ ދަށުން، ލުއިފުޅި އަށް ބަދަލު ކުރުމަށް ނަގާނީ 795ރ އެވެ. މިއީ 980 ރުފިޔާގެ ޑިސްކައުންޓެކެވެ.

މި ޕްރޮމޯޝަނުގެ ޢަމާޒަކީ، މިހާރު ބޭނުންކުރަމުން އަންނަ ދަގަނޑު ފުޅިތައް އެއްކޮށް ބޭނުންކުރުން ހުއްޓާލުމަށް ފަހު، ހަތަރު އަހަރުގެ ތެރޭގައި ލުއި ފުޅިއަށް ބަދަލުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. ޢާންމުން ލުއިފުޅި ގެންގުޅޭ މިންވަރު އިތުރުކުރުމުގެ ގޮތުން، އެ ކުންފުނިން ލުއިފުޅިއާ ގުޅޭ ތަަފާތު އެކި ޕްރޮމޯޝަންތައް މީގެކުރިންވެސް ކުރިއަށް ގެންދިޔައެވެ.

ލުއިފުޅި އަށް ބަދަލުކުރަން ބޭނުންވާ މީހުން މޯލްޑިވް ގޭހުގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅުމުން އެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މޯލްޑިވް ގޭހުން ގެންގުޅޭ ލުއިފުޅިތަކަކީ ގޭސް ހުސްވަމުންދާ މިންވަރު ވެސް ދެނެގަނެވޭގޮތައް، ދެފުށްފެންނަ ކަވަރެއް ލާފައި ހުންނަ، ގެންގުޅެން ފަސޭހަ ފުޅިތަކެކެވެ.

މޯލްޑިވް ގޭހުން ލުއިފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

- ކޮމެންޓް