ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 10:35
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓް
އައްޑޫގައި ވިހެއުމަށްފަހު ތުއްތު ކުއްޖަކު މެރި މައްސަލަ: ކުއްޖާގެ ޑީއެންއޭ ދެމަފިރިންނާއި ދިމާވޭ
ހެކިބަސް ނެގުން ވަނީ ނިމިފައި
ދެން އަޑުއެހުމެއް އޮންނާނީ 12 ޖެނުއަރީގައި
މަރުވި ތުއްތު ކުއްޖާ ނިސްބަތްވަނީ އެ ދެމަފިރިންނަށް

އައްޑޫސިޓީ މަރަދޫފޭދޫގައި ތުއްތު ކުއްޖަކު ވިހެއުމަށްފަހު ވަޅުލި މައްސަލައިގައި ހިމެނޭ ދެމަފިރިންނާއި، އެ ކުއްޖާގެ ޑީއެންއޭ ސާމްޕަލް ދިމާވާކަމަށް ޑީއެންއޭ ތަހުލީލު ރިޕޯރޓް ތައްޔާރު ކުރެއްވި އޮފިސަރު ވިދާޅުވެއްޖެއެވެ.

މަރަދޫފޭދޫގައި ވިހެއުމަށްފަހު ކުއްޖާ ވަޅުލި މައްސަލާގައި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ސ. މަރަދޫ ޝޭމްރޮކް އާމިނަތު ޝާހީ އާލަމް، އާއި އޭނާގެ ފިރިމީހާ ސ. މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހީމް ވިސާމްގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ. އެގޮތުން ހާދިސާ ހިނގިއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެއްވި ރިޒްހާ ރަޒީންއާއި، މި މައްސަލައިގެ ޑީއެންއޭ ތަހުލީލު ރިޕޯރޓް ތައްޔާރު ކުރެއްވި އޮފިސަރުގެ ހެކިބަސް ވަނީ ނަގާފައެވެ.

އެގޮތުން ރިޕޯރޓް ތައްޔާރު ކުރެއްވި ހުސައިން އަމްރު ވިދާޅުވީ، އެ ރިޕޯޓަކީ ސައްޙަ ރިޕޯޓެއް ކަަމަށާއި، ޑީއެންއޭ ލެބޯޓަރީގެ އެތެރޭގައި މަސައްކަތް ކުރައްވާއިރު، ލިބޭ ސާމްޕަލްތައް ވަރަށް ރަނގަޅަށް ޗެކް ކުރައްވާ ކަމަށެވެ. އަދި ރިޕޯރޓް ތައްޔާރުކުރެއްވުމުގެ ކުރިން ކުރިއަށް ގެންދަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްފައިވާނެ ކަމަށާއި، މި މައްސަލައާއި ގުޅިގެން ފުލުހުން ހުށައަޅާފައިވާ 11 ސާމްޕަލްއެއް ބަލާފައިވާނެ ކަމަށެވެ. އަދި ހުށައެޅިފައިވާ ސާމްޕަލްތަކަށް ބަލާއިރު، މަރުވި ތުއްތު ކުއްޖާ ނިސްބަތްވަނީ އެ ދެމަފިރިންނަށް ކަމަށް ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ސާމްޕަލްތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި ކުޑަ ކުއްޖާގެ ޑީއެންއޭއާއި، އެ ދެމީހުންގެ ކޮޓަރިން ނަގާފައިވާ ލޭގެ ސާމްޕަލްތަކާއި، ސައިކަލަކުން ނަގާފައިވާ ލޭގެ ސާމްޕަލްތަކެއް ހިމެނޭއިރު، އޭގެ ތެރެއިން މައްސަލައިގައި ތުހުމަތު ކުރެވޭ ވިސާމްގެ ޑީއެންއޭއާއި ދިމާވަނީ ހަމައެކަނި ތުއްތު ކުއްޖާގެ ހަށިގަނޑުން ނެގުނު ސާމްޕަލްގެ ޑީއެންއޭކަން އޮފިސަރު ފާހަގަކުރެއްވިއެވެ.

މި އަޑުއެހުމުގައި ހާދިސާ ހިނގި އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެއްވި ރިޒްހާ ރަޒީންގެ ހެކިބަސްވެސް ނަގާފައިވާއިރު، ދައުލަތުންނާއި ދިފާއުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބު މިހާރު ހަނދާނުގައި ނެތްކަން ރިޒްހާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެނެވުނު އިރު މަރުވެފައިވާކަން ނުވަތަ ނޫންކަންވެސް މިހާރު ހަނދާނުގައި ނެތްކަމަށް ރިޒްހާ ބުންޏެވެ.

2012 ވަނަ އަހަރު ހިނގި މި މައްސަލައާއި ގުޅޭ ހެކިބަސް ނެގުން ނިމިފައިވާއިރު، ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް 12 ޖެނުއަރީ 2020 ގައި އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ. އަދި އެއަށްފަހު ފެބްރުއަރީ މަހު ޚުލާސާ ބަޔާން އިއްވައި ފެބްރުއަރީ މަހު މައްސަލަ ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

- ކޮމެންޓް
4 ޖެނުއަރީ 2020 | ހޮނިހިރު 11:54
ިަާާީަަްއަންތަރީސް
8 އަހަހޙަރު ވީއިރު ހާދަ ވަރަކަށް ބެލިފަދޯ ހުންނާނީ ކަމެއް ނުވިއެއްނުން ދޯ
1 ޖެނުއަރީ 2020 | ބުދަ 18:56
ކުޑޫ
ހެކިން މަރުވީމަ ހެކިބަސް ނަގަން މަޑުކޮށްލަބަލަ...
31 ޑިސެންބަރ 2019 | އަންގާރަ 10:42
ފަޓާސް
2012 އިން 2020 އަށް މައްސަލައެއް ބަލަމުންގޮސް ދިގުލައިގެން ދިއުމުން ހައިރާންވެ އަންތްރީސްވޭ.. ކޮން އިންސާފެއްބާ މިހޯދަނީ