އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި އިންތިޚާބަށް ރަޝިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނާ ވާހަކަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެފްބީއައިގެ ޑިރެކްޓަރ ޖޭމްސް ކޮމޭ ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދެއްވައިފިއެވެ.
މީގެ އިތުރުން ކޮމޭ ވަނީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ރައީސް ޓްރަމްގެ ފޯން ކޯލްތައް އަޑުއެހި ކަމަށްބުނާ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށް ވިދާޅުވެފައެވެ.
އޭނާ މިވާހަކަތައް ވިދާޅުވެފައިވަނީ ކޮންގްރެސްގެ އިންޓެލިޖެންސް ކޮމިޓީގައި މައުލޫމާތުދެއްވަމުންނެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ އެއްވެސް ކަމެއް ބަދަލުވެފައި ނުވާކަމަށާއި ރަޝިއާއާ ޓްރަމްޕްއާ އެއްވެސް ގުޅުމެއް ވާކަމުގެ ހެއްކެއް ނެތް ކަމަށެވެ.
އެމެރިކާގެ ރީޔާސީ އިންތިޚާބަށް ނުފޫޒުފޯރުވަން މަސައްކަތްކުރިކަމަށްކުރާ ތުހުމަތު ރަޝިއާއިން އަބަދުވެސް ދޮގުކުރެއެވެ.
އެފްބީއައިގެ ތަހުގީގުގައި، ރަޝިއާގެ ސަރުކާރާ ޓްރަމްޕްގެ ކެމްޕެއިންގައި އުޅުއްވި ވަކިވަކި ފަރާތްތަކާ އޮވެދާނެ ގުޅުންތަކާއި ރަޝިއާ އާއި ޓްރަމްޕްގެ ކެމްޕެއިނާ އެއްވެސް ގުޅުމެއް އޮތްތޯ ބެލިގެންދާނެ ކަމަށް ކޮމޭ ވިދާޅުވިއެވެ.
މީގެ އިތުރުން އެއްވެސް ޖަރީމާއެއް ހިންގާފައިވޭތޯވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމޭ ވިދާޅުވީ މި ތަހުގީގަކީ "ވަރަށް އުނދަގޫ" ތަހުގީގެއްކަމަށާއި މިކަން ނިންމަމުންދާނެ ތާވަލެއް ދެވެން ނެތްކަމަށެވެ.
"އަޅުގަނޑުމެން ހޯދާނީ ހެކި އެއްވެސް ކުރިއެރުމެއް ލިބޭތޯ" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވީ ސަރުކާރުން ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެވެސް ކަމެއް ބެލުން ކުރިޔަށް ގެންދެވިދާނެކަމަށާއި ނަމަވެސް ކޮންމެވެސް ކަމެއް ބެލުމަކުން ފެންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށެވެ.
ނޭޝަނަލް ސެކިއުރިޓީ އޭޖެންސީގެ ޗީފް އެޑްމިރަލް މައިކް ރޮޖާސްވެސް ކޮމިޓީއަށް ހާޒިރުވެ ވަޑައިގަތެވެ.
އޭނާ ވިދާޅުވީ އެންއެސްއޭ އިން ތިބީ ޖެނުއަރީ މަހު ޝާއިއުކުރި އިންޓެލިޖެންސް ރިޕޯޓްގެ މަތީގައި ކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ކެމްޕެއިންގައި ޓްރަމްޕްގެ ވާދަވެރިޔާ ހިލަރީ ކްލިންޓަންގެ ކެމްޕެއިންއަށް ގެއްލުން ދިނުމަށް ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން އަމުރު ކުރެއްވި ކަމަށެވެ.