ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 18:58
ރިތިކް ރޯޝަން
ރިތިކް ރޯޝަން
ޓްވިޓަރ
ބޮލީވުޑް
މިއަހަރު އެންމެ ބޮޑު އާމްދަނީ ލިބުނު ބޮލީވުޑް ފިލްމަކަށް ރިތިކްގެ "ވޯރ"
މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ޖުމްލަ އާމްދަނީ 317.91 ކްރޯޑް ރުޕީސް ލިބިފައި
ރިލީޒް ކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 53.35 ކްރޯޑް ރުޕީސް ލިބިފައި
މި ލިސްޓްގެ ދެވަނައިގައި ވަނީ ކަބީރް ސިންގް

2019 ވަނަ އަހަރު ރިލީޒް ކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ޢާމްދަނީ ލިބުނު ފިލްމަކަށް ރިތިކް ރޯޝަން ލީޑްރޯލް ކުޅެފައިވާ ފިލްމު "ވޯރ" ވެއްޖެއެވެ.

ރިތިކް އާއި ޓައިގަރ ޝްރޮފް އަދި ވާނީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ވެގެން ގޮސްފައިވަނީ މިއަހަރު 300 ކްޜޯޑް ރުޕީސް ހޯދި ހަމައެކަނި ފިލްމަށެވެ. މި ފިލްމަށް ވަނީ ބޮކްސް އޮފީހުގަ ޖުމުލަ ޢާމްދަނީގެ ގޮތުގައި 317.91 ކްރޯޑް ރުޕީސް ލިބިފައެވެ.

ޔޭޝް ރާޖް ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ފިލްމު ވެގެން ގޮސްފައިވަނީ ފިލްމު ރިލީޒްކުރި ދުވަހުވެސް އެންމެ ބޮޑު ޢާމްދަނީ ލިބުނު ފިލްމަށެވެ. ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު ޢާމްދަނީގެ ގޮތުގައި ވަނީ 53.35 ކްރޯޑް ރުޕީސް ލިބިފައެވެ.

ސިދާތު އާނަންދް ޑައިރެކްޓު ކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތިޔާ ޗޯޕްރާއެވެ.

2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ޢަމްދަނީއެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ދެވަނައިގަ އޮތީ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ކަބީރް ސިންގް" އެވެ. މި ފިލްމަށް ލިބިފައިވަނީ 278.24 ކްރޯޑް ރުޕީސްއެވެ. ލިސްޓުގެ ތިން ވަނައިގަ އޮތީ ވިކީ ކައުޝަލް ލީޑް ރޯލް ކުޅެފައިވާ ފިލްމު "އުރީ" އެވެ. މި ފިލްމަށް ލިބިފައިވަނީ 245.36 ކްރޯޑް ރުޕީސް އެވެ.

ހަތަރު ވަނައިގަ އޮތީ ބޮޑު ބަޖެޓަކުން ތައްޔާރު ކޮށްފައިވާ ސަލްމާން ޚާނާއި، ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ބާރަތު" އެވެ. މި ފިލްމަށް ލިބިފައިވަނީ 211.07 ކްރޯޑް ރުޕީސްއެވެ. 202.98 ކްރޯޑް ރުޕީސް ލިބިގެން މި ލިސްޓުގެ ފަސްވަނައިގަ އޮތީ" މިޝަން މަންގާލް" އެވެ.

- ކޮމެންޓް