ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 12:46
ހައްމާދު އުޅުނީ ރ މަޑުއްވަރީގެ ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި
ހައްމާދު އުޅުނީ ރ މަޑުއްވަރީގެ ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި
ޓްވިޓަރ
13 އަހަރުގެ ކުއްޖާގެ މައްސަލަ
ހައްމާދުގެ މައްޗަށް ދައުވާ އުފުލައިފި، ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރަށް ޖަލަށް!
 
ޕީޖީ އޮފީހުން އެފަދަ މައްސަލަތަކާމެދު ވަރަށް ސީރިއަސްކަމަށް ޕީޖީ ވިދާޅުވި
 
އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ބުދަ ދުވަހު
 
ކުށް ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ

13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށް އެކުއްޖާ ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ އިސްމާއީލް ހައްމާދުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީޢު ވިދާޅުވީ، ހައްމާދުގެ މައްޗަށް ދައުވާ ކުރުމަށްފަހު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ބުދަ ދުވަހު ކަމަށެވެ. އެގޮތުން ހައްމާދުގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ސަކަރާތް ޖެހުމެއް ނެތް ކަމަށާއި، ޕީޖީ އޮފީހުން އެފަދަ މައްސަލަތަކާމެދު "ވަރަށް ސީރިއަސް" ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށް ހިމެނިފައިވެއެވެ. އެގޮތުން އެ ކުށް ސާބިތުވާ މީހަކަށް 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ ހައްމާދުގެ މައްޗަށް އުފުލާފައިވީނަމަވެސް އެ މައްސަލައާއި ގުޅުން ހުރި އިތުރު ދައުވާތައް އޭނާގެ މައްޗަށް ކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ރ މަޑުއްވަރީގައި އުމުރުން 13 އަހަރުގެ ކުއްޖަކު ގަވާއިދާ ހިލާފަށް ކައިވެނި ކޮށްގެން އުޅޭކަމަށް އަޑު ފެތުރިފައިވަނީވެސް ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި ހައްމާދު އުޅެނިކޮށް އޭނާއަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ފެންމަތިވުމާއި އެކުއެވެ.

ދީނީ ހަރުކަށި ފިކުރުގެ ތެރެއިން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ހިނގި މާރާމާރީއެއްގެ ތެރެއިން ހައްމާދުގެ މައްސަލަތައް މީޑިއާތަކަށް ފެންމަތިވެފައިވާއިރު، 13 އަހަރުގެ އަންހެން ކުއްޖާ ބަލިވެއިންކަމުގެ މަޢުލޫމާތު މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޢާންމު ފަރާތަކުން ފުލުހުންނަށް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް