ލައިފް ޖެކެޓް އެވެއާނަސް ޕްރޮގްރާމު އަންނަ އަހަރު ފެށިގެންދާނެ ކަމަށް ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ހޯމަ ދުވަހުގެރޭ ދަރުބާރުގޭ ފާޝަނާ މާލަމުގައި މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019 ގެ އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެސޯސިއޭޝަންގެ ސެކެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް ވިދާޅުވީ ލައިފް ޖެކެޓް އެވެއާނަސް ޕްރޮގްރާމު އަންނަ އަހަރު ސްޓޭ ސޭފް އެފްލޯޓްގެ ނަމުގައި ފެށިގެންދާއިރު އެ ޕްރޮގްރާމް ހިންގާނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް ކަމަށެވެ.
އަޅުގަނޑުމެންގެ ލައިފް ޖެކެޓް އެވެއާނަސް ޕްރޮގްރާމެއް އަންނަ އަހަރުގެ ކުރީކޮޅުގައި ފެށިގެންދާނެ. މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް ހިންގާނީ. ލައިފް ޖެކެޓަކީ ވެސް ލައިފެއް އޮތް އެއްޗެއް. އަޅުގަނޑުމެން ކޮންމެ ކަމަކަށް ބަރޯސާވާއިރު އެމީހާ އަޅުގަނޑު ސަލާމަތްކުރާނެކަމަށް ނުނިންމާނެ. އަޅުގަނޑު އަމިއްލައަށް އަޅުގަނޑުގެ ސަލާމަތް ހޯދާނީ. އިރާދުކުރެއްވިއްޔާ އަންނަ އަހަރު ސްޓޭ ސޭފް އެފްލޯޓްގެ ނަމުގައި މި އެވެއާނަސް ޕްރޮގްރާމް ފެށިގެންދާނެ.އިގްނާޒް
އިގްނާޒް ވިދާޅުވީ ބޯޓިންގް އެސޯސިއޭޝަންގެ ފަރާތުން އެންމެ ފަތުރުވެރިއެއް ވެސް ކަނޑުމައްޗަށް ސަލާމަތާއި ރައްކާތެރިކަން ނެތި ދޫކޮށްނުލާނެ ކަމަށާއި، ކަނޑު އުޅަނދު ފެރީ ކުރަމުންދާއިރު ސަލާމަތްތެރިކަމާއެކީގައި އާންމުން އުފުލުމުގެ ކަންތައްތައް ރޭވިފައި ހުންނަން ޖެހޭނެ ކަމަށެވެ.
މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019 ގެ ހަފްލާގެ ތެރެއިން ޖުމްލަ 28 ކެޓަގަރީއަކުން އެވޯޑުތައް ހަވާލުކޮށްފައިވެއެވެ. މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ކަނޑުދަތުރު ފަތުރުގެ އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ އެ އިންޑަސްޓްރީ ކުރިއެރުވުމުގެ މަޤްސަދުގައި 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
އިގްނާޒް ވިދާޅުވީ އަންނަ އަހަރު ވެސް މިއަށްވުރެ ފުރިހަމަކޮށް އެވޯޑަކާއެކު ކެޓަގަރީތައް އިތުރުކޮށްގެން މި އެވޯޑު ހަފްލާ ބޭއްވިގެންދާނެ ކަމަށާއި މި ދާއިރާ ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަހަތުގައި ތިބޭނެ ކަމަށެވެ.