އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ކާމިޔާބު އެއް ފަންނާނަކީ ނޭހާ ކައްކަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އިންޑިއަން ފިލްމް އިންޑަސްޓްރީގައި ޝަކީރާގެ ނަމުން މަޝްހޫރުވެފައިވާ ނޭހާގެ އަޑުން ކިޔާފައިވާ ލަވަތަކުގެތެރެއިން މިއަހަރު ރިލީޒްކުރި ގިނަ ލަވަ ތަކަކީ ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ ލަވަތަކެކެވެ.
އެގޮތުން 2019 ވަނަ އަހަރު ނޭހާގެ އެންމެ ފާހަގަ ކޮށްލެވޭ ފަސް ލަވައަކީ:
1. އޯސާކީ ސާކީ
މި ލަވައަކީ މިއަހަރު ރިލީޒް ކުރި "ބަޓްލާ ހައުސް" އަށް ނޭހާ ކިޔައިދީފައިވާ ލަވައެކެވެ. މި ލަވަ ވެގެން ގޮސްފައިވަނީ ނޭހާގެ ލަވަތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ އެއް ލަވަ އަށެވެ. މި ލަވައަށް ނަށާފައިވަނީ ނޯރާ ފަތޭހީއެވެ.
2. ކޮކާ ކޯލާ
"ލޫކާ ޗުއްޕީ"އަށް ނޭހާ ކިޔައިދީފައިވާ މި ލަވަވެސް ވަނީ ބެލުންތަރިންނަށް ވަރަށް ކަމުގޮސްފައެވެ.
3. ހޫކް އަޕް
"ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަށް ނޭހާ ކިޔައިދީފައިވާ މި ލަވައިގައި ނޭހާގެ އަޑަށް ފޭނުން ވަނީ ތައުރީފް ކޮށްފައެވެ.
4. ދީމޭ ދީމޭ
"ޕަތީ ޕަތްނީ އޯރު ވޯ" އަށް ކިޔައިދީފައިވާ މި ލަވަ ވެގެން ގޮސްފައިވަނީ ލަވަ ރިލީޒް ކުރި ދުވަހުން ފެށިގެން ގިނަ ބައެއްގެ ވިސްނުމުގައި ހަރުލާފައިވާ ލަވައަކަށެވެ.
5. ލާލް ޖާގްރާ
ނޭހާ އެންމެ ފަހުން ކިޔާފައިވާ ލަވަތަކުގެ ތެރއިން ފާހަގަކޮށްފައިވާ ލަވައަކީ ލާލް ޖާގްރާއެވެ. މި ލަވައަކީ "ގުޑް ނިއުޒް" އަށް ނޭހާ ކިޔައިދީފައިވާ ލަވައެކެވެ. މިލަވައަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ނޭހާ ލަވަކިޔަން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. އިންޑިއަން އައިޑޮލް ދޭއްގެ ޕާރޓިސިޕެންޓެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔަ ނޭހާ މިހާރު ދަނީ ޓީވީ ޝޯތަކުގައި ފަނޑިޔާރުކަން ކުރަމުންނެވެ. ނޭހާ މަޝްހޫރުވެގެން ދިޔަ ފުރަތަމަ ލަވައަކީ "ކޮކްޓެއިލް" އަށް ކިޔައިދީފައިވާ "ސެކަންޑް ހޭންޑް ޖަވާނީ" އެވެ.