މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީނުކޮށް މުދާ އެތެެރެކޮށް ބޭރުކުރާނަމަ ފީ ނަގާ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ކަސްޓަމްސް އިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޖިސްޓަރީނުކޮށް، މުދާ އިމްޕޯޓްކުރަން ނުވަތަ އެކްސްޕޯޓްކުރަން ނުވަތަ ރީ-އެކްސްޕޯޓް ކުރަން އުޅެފިނަމަ، ޕްރޮސެސިންގ ފީ ނަގާ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ. ޕްރޮސެސިންގ ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސް އިން ކަނޑައަޅާފައިވާ ސީއައިއެފް އަގުގެ 10 އިންސައްތަ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ޕްރޮސެސިންގް ފީ ނެގޭ ޙާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކަން ނުޖެހޭނެ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. އަދި ގެދޮރު ޢިމާރާތްކުރުމަށާއި އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ނުކޮށް މުދާ އެތެރެކުރާ ޙާލަތުގައި، އެ ފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި ޕްރޮސެސިންގް ފީ ނެގުމުގެ ބަދަލުގައި ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މީގެ ކުރިން މި އުސޫލުގެ ދަށުން ނަގަމުން އައި ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސް އިން ކަނޑައަޅާ ސީއައިއެފް އަގުގެ 20 އިންސައްތައެވެ.
މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.