ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 14:36
ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ވޯޓް ފޮށްޓެއް ގުނުމަށް މަސައްކަތް ކުރަމުންދަނީ
ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ވޯޓް ފޮށްޓެއް ގުނުމަށް މަސައްކަތް ކުރަމުންދަނީ
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ރަޖިސްޓްރީ ކުރުމުން: އިލެކްޝަންސް
 
ޖަލުގައި ވޯޓް ފޮށި ބަހައްޓާނީ 25 މީހުން ރަޖިސްޓްރީ ކުރުމުން އަދި ރިސޯޓުގައި ބަހައްޓާނީ 50 މީހުން ރަޖިސްޓްރީ ކުރުމުން

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގަ ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބަހައްޓާނީ އެތަނެއްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 150 މީހުން ވޯޓްލާން ރަޖިސްޓްރީ ކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަހަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އެހެން އިންތިޚާބުތަކެކޭ އެއްފަދައިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތައް ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. އެހެންނަމަވެސް ބޭރުގައި ދިވެހިން ދިރިއުޅޭ ތަންތަނުގައި ވޯޓު ފޮށްޓެއް ބަހައްޓާނީ އެ ޤައުމެއްގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުރުމަށްފަހު 150 މީހުންނަށް ވުރެ ގިނައިން އެތަނަކަށް ރަޖިސްޓްރީ ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ރާއްޖޭގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ޤައުމެއްގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެޤައުމެއްގައި ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސާ އީސީން ވޯޓު ފޮށި ބަހައްޓާދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހުޅުވާލާ ފުރުސަތުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންފުޅުވާނަމަ ރަޖިސްޓްރީ ކުރަންވީ. ހަމަ އެގޮތަށް ރިސޯޓްތަކުގައި 50 ބޭފުޅުން ރަޖިސްޓްރީ ކޮށްފިނަމަ އެ ރިސޯޓެއްގައި ވޯޓްފޮށި ހުންނާނެ. މީގެކުރިއާ ހިލާފަށް އަޅުގަނޑުމެން ހުޅުވާލާނަން ހުރިހާ ރިސޯޓެއްގައި ރަޖިސްޓްރީ ކުރަން. މީގެ ކުރިން އަޅުގަނޑުމެން އެދެނީ ރިސޯޓްތަކުން ހުއްދައެއް. އެހެންނަމަވެސް އީސީން މިފަހަރު ހުއްދައަކަށް ނޭދޭނަން. ހުރިހާ ރިސޯޓެއްގައި ހުޅުވާލާފައި އޭގެން 50 ބޭފުޅުން ރަޖިސްޓްރީ ކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި އެ ރިސޯޓެއްގެ މެނޭޖްމަންޓާއި މަޝްވަރާ ކުރާނަން،
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް

މީގެ އިތުރުން ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ޖަލެއްގައި 25 މީހުން ރަޖިސްޓްރީ ވުމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިދިޔަ ހުކުރު ދުވަހު ހުޅުވާލާފައިވާއިރު މިހާތަށް ނުވަ ޝަކުވާ އެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ އާއި އައްޑޫ ސިޓީގެ ދާއިރާތައް ބެހުމާއި ގުޅޭގޮތުން ލިބިފައިވާ ޝަކުވާ ތަކެއް ކަމަށެވެ.

ޚާއްޞަ ގޮތެއްގައި އެ ޝަކުވާތަކުގެ ތެރޭގައި ގިނައީ އަންހެނުންގެ ގޮނޑި ކަނޑައެޅުމާއި ގުޅޭ ގޮތުން ލިބިފައި ހުރި ޝަކުވާތައް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އީސީއަށް ހުށަހަޅާ ޝަކުވާތައް ބޭކާރުނުކޮށް އެ ޝަކުވާތަކާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް