ހަ މަސް ވެސް ނުވެ އޫބާގެ ރައީސް ޖެފް ޖޯންސް އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ޓެކްސީ ބުކްކުރާ މި އެޕްގައި މަސައްކަތް ކުރާ ފަރާތަކުން ބީބީސީގައި ބުނެފައި ވަނީ އޭނާގެ އިސްތިއުފާއަކީ އެއްގޮތަކަށް ވެސް ހީކުރެވިފައި އޮތް ކަމެއް ނޫން ކަމަށެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމަށް ބޭޅަކު ނަގާއިރު ކެނޑިޑޭޓުންގެ ތެރޭގައި އެ ފަރާތުގެ ނަން ނެތުމުން ޖޯންސް ހިތްހަމަ ޖެހިވަޑައި ނުގެން ކަމަށެވެ.
ނަމަވެސް ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ރެކޯޑްގައި ބުނެފައި ވަނީ ޖޯންސް އިސްތިއުފާ ދެއްވަނީ ޖިންސީ ފުރައްސާރަތަކުގެ ސަބަބުން ކުންފުންޏަށް ދިމާވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.
އޫބާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުންފުނީގައި އޭނަ ހޭދަކުރެއްވި ހަ މަސްދުވަހަށް ޝުކުރު އަދާކުރަން ބޭނުން ކަމަަށާއި އޭނާއަށް ހެޔޮއެދޭ ކަމަށެވެ.
ކުއްލި ގޮތަކަށް އޭނާ ވަކިވެވަޑައިގަތުމުން ކުންފުނީގައި އިސްކޮށް ތިއްބެވި ފަރާތްތަކަށް މާޔޫސްކަން ގެނުވިއިރު އެ ބޭފުޅުން ދެކެވަޑައިގަންނަވަނީ އޭނާގެ ޕްލޭން ހިއްސާކުރައްވާފައި ނެތުމަކީ ޕްރޮފެޝަނަލްކަން ދަށްވުން ކަމަށެވެ.
އޭނާގެ އިސްތިއުފާ ސިޓީ ހުށަހަޅާ ވަގުތުން ފެށިގެން ބަލައިގަނެވިގެން ދާނެ ކަމަށް އެނގިފައިވާ ކަމަށް ބީބީސީ ބުނެއެވެ.