ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަހަރުގެ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖެއަށް ޖަޕާނުން ހަދިޔާކުރާ ތަކެތީގެ ލިސްޓު ޙަވާލުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް ރަސްމިއްޔާތެއްގައި މި ލިސްޓް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މި ރަސްމިއްޔާގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ މި ލިސްޓުގެ ދަށުން ރާއްޖެއަށް 13 ވަޞީލަތް ހަދިޔާ ކުރެވިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ސްކޭނަރ، މޯބައިލް އެކްސްރޭ ސްކޭނަރ، އަތުން ހިފާ ގެންގުޅޭ މެޓަލް ޑިޓެކްޓަރ، ހޭންޑް ރޭޑިއޯ، ތަފާތު ކެމެރާތަކާއި 44 އެއްގަމު އުޅަނދު ކަމަށެވެ.
ދިވެހިސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް 500 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ޖަޕާނުން ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ޖަޕާނުން ހަދިޔާކުރުމަށް ނިންމާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ވަޞީލަތްތަކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް އުވައިސް ވިދާޅުވަނީ ޖަޕާން ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އުވައިސް ވިދާޅުވީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު މެކްރޯ އިކޮނޮމިކް ފިސިކަލް ޕޮލިސީ އެޑްވައިޒަރެއް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދޭ، ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ.
ފޮރިން މިނިސްޓްރީގައި އޮތް މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.