ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 22:32
އާލިއާ، ވިދްޔާ އަދި ޔަމީ
އާލިއާ، ވިދްޔާ އަދި ޔަމީ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
2019 ވަނަ އަހަރު ބޮލީވުޑްގެ އެންމެ މޮޅު އެކްޓްރެސްއިންގެ ލިސްޓުގައި ވިދްޔާ، ކަންގަނާ އަދި ޕްރިޔަންކާ
2019 ވަނަ އަހަރު ޔާމި ގޯތަމް އާއި ކަންގަނާ ރަނުއަތު ، ބޫމީ ޕެޑްނެކަރް އަދި ތާޕްސީ ޕަންނޫ އަކީ ފާހަގަކޮށްލެވޭ ފަދަ އެކްޓިންގ އެއް ދައްކުވައިދީފައިވޭ

ބޮލީވުޑްގެ ފިލްމުތަކަކީ މީހުންގެ މެދުގައި މަގްބޫލު ފިލްމުތަކަށްވާއިރު ފާއިތުވި އަހަރު ތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވަނީ ބަދަލުތަކެއް ފެންނަން ފަށާފައެވެ. ތަފާތު މައުޟޫތަކަށް ހެދޭ ފިލްމުތައް ގިނަ ވަމުންދާއިރު މީގެކުރިން ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ބޮޑަށް ފާހަގަ ވެގެންގޮސްފައި ހުންނަނީ ފިރިހެން އެކްޓަރުންގެ އެކްޓްތަކެވެ. މަދުންނަމަވެސް އަންހެން އެކްޓްރެސްއިންގެ ހުނަރު ފާހަގަވާއިރު މިފަހަކަށް އައިސް އަންހެން އެކްޓްރެސްއިން ފިލްމުތަކުގައި ދައްކުވައިދީފައި ހުންނަ ހުނަރު އަންނަނީ ފާހަގަވަމުންނެވެ.

އެގޮތުން ނިމެމުންމިދާ 2019 ވަނަ އަހަރު ޔާމި ގޯތަމް އާއި ކަންގަނާ ރަނުއަތު ، ބޫމީ ޕެޑްނެކަރް އަދި ތާޕްސީ ޕަންނޫ އަކީ ފާހަގަކޮށްލެވޭ ފަދަ އެކްޓިންގ އެއް ދައްކުވައިދީފައިވާ ތަރިންނެވެ.

މިބަލާލަނީ މިއަހަރު ފާހަގަކޮށްލެވުނު އެންމެ މޮޅެތި އެކްޓްރެސް އިންނަށެވެ.

އާލިއާ ބަޓް - ގަލީ ބޯއީ

ގަލީ ބޯއީ އަކީ މިއަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބު ފިލްމެކެވެ. އިންޑިޔާގެ ފަގީރު ހިސާބެއްގައި ދިރިއުޅޭ މުސްލިމް އާއިލާ އެއްގައި ހުންނަ ކުއްޖަކު ރެޕްކުރާ މީހަކަށް ވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މިފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ރަންވީރް ސިންހް އެވެ. މުޅި ފިލްމު ބިނާވެފައިވަނީ ރަންވީރު ކުޅެފައިވާ މުރާދަށް ކަމުގައިވީނަމަވެސް މިފިލްމުގައި މުރާދުގެ ލޯބިވެރިޔާ ސަފީނާގެ ރޯލް އަދާ ކުރި އާލިއާ ބަޓް ދައްކުވައިދީފައިވާ ހުނަރު އެއީ ނުދައްކާ ދޫކޮށްލެވޭނެ ވަރުގެ ވާހަކަ އެއް ނޫނެވެ. ސަޕޯޓިންގ އެކްޓަރ އެއްގެ ގޮތުގައި އާލިއާ ފެނިގެންދިޔައިރު ރުޅިގަދަ ޖެހިލުން ކުޑަ މުސްލިމް އަންހެން ކުއްޖެއްގެ ރޯލް އާލިއާ ކުޅެފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ފިލްމުގައި އާލިއާ ރުޅި ކޮންޓްރޯލް ކުރުމަށް ގެންގުޅެފައިވާ އުސޫލުތަކާ މެދު ކްރިޓިކްސް އިންގެ ފާޑުކިޔުންތަކެއް އަމާޒުކުރިނަމަވެސް، އާލިއާ ވަނީ އެ މުޖުތަމަޢުގައި ކަންކަން ހުންނަ ގޮތާއި މީހުންގެ ވިސްނުން ވަރަށް ރަނގަޅަށް ދައްކުވައިދީފަ އެވެ.

ގަލީ ބޯއީގައި އާލިއާ ކުޅެފައިވާ މަންޒަރެއް

ބޫމީ ޕެޑްނެކަރް - ސޮންޗިރިޔާ

2019 ވަނަ އަހަރު ބޫމީގެ ހަތަރު ފިލްމެއް ވަނީ ނިކުމެފަ އެވެ. ނަމަވެސް އޭނާގެ އެކްޓިންގ ގިނަ ބައެއްގެ ސަމާލުކަމަށް އައީ ސޮންޗިރިޔާ ގައި ބޫމީ ދައްކުވައިދީފައިވާ ރޯލުންނެވެ. އިންދުމަތިގެ ރޯލުން ބޫމީ ފެނިގެންގޮސްފައިވާއިރު މިފިލްމު ބިނާވެގެންވަނީ 1975 ގައި އުޅުނު ފޭރުމާއި އެހެނިހެންވެސް ނުރައްކާތެރި ކުށުގެ މާހައުލުގައި ދިރިއުޅޭ ބައެއްގެ ދިރިއުޅުމުގެ މައްޗަށެވެ. ކުޑަ އަންހެން ކުއްޖެއް ސަލާމަތްކޮށްދީ އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން އުޅޭ ގޮތް މިފިލްމުގައި ބޫމީ ދައްކުވައިދީ ފައިވާއިރު އެތައް ބައެއްގެ ތައުރީފް ބޫމީގެ އެކްޓިންގ އަށް ވަނީ ލިބިގެންގޮސްފަ އެވެ.

ސޮންޗިރިޔާގައި ބޫމީ ދައްކުވައިދީފައިވާ މަންޒަރެއް

ސަންޔާ މަޅޯތްރާ - ފޮޓޯގްރާފް

ފޮޓޯގްރާފް މިފިލްމަކީ އެހާ ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔަ ފިލްމަކަށް ނުވެދާނެ އެވެ. ނަމަވެސް މިފިލްމު ބެލި މީހުންނަށް ސަންޔާ މިފިލްމުގައި ދައްކުވައި ދީފައިވާ މިލޯނީގެ ރޯލް ހަމަގައިމުވެސް ހަނދާނަކުން ނުފިލާނެއެވެ. "ފޮޓޯގްރާފް" ގައި ކިޔައިދެނީ ކާމިޔާބު ފޮޓޯގްރާފަރަކަށް ވާން މަސައްކަތް ކުރާ ފިރިހެނަކު ކައިވެނި ނުކޮށްގެން އޭނާގެ މާމަ ކުރާ ޕްރެޝަރުތަކާ ހެދި ދިމާވާ ހާދިސާތަކެވެ. މި މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ދެން އެފޮޓޯގްރާފަރާއި ދިމާވާނީ ސާނިޔާ އާ އެވެ. ސާނިޔާ މިފިލްމުގައި މީހުންނާ މުޚާތަބު ކުރަން ގެންގުޅޭ އުކުޅު އެއީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކަމެކެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ލޮލުގެ ޒަރީޢާއިން އޭނާ ބުނަން ބޭނުންވާ އެއްޗެއް އަނެކާއަށް ހާމަކޮށްދެމުންދާއިރު އޭގެ ސަބަބުން ބެލުންތެރިންނަށް ފިލްމު ބަލަމުންދާއިރު ފިލްމުގެ ތެރެއަށް ބޮޑަށް ވަދެވިގެން ދެ އެވެ.

ސަންޔާ މަޅޯތްރާ ފިލްމު ފޮޓޯގްރާފްގެ މަންޒަރަކުން

ކަންގަނާ ރައުނަތު - ޖަޖްމެންޓްހޯލް ހެއި ކިޔާ

ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން ކަންގަނާ އަކީ އަބަދުވެސް ތަފާތު އެކްޓިންގ އެއް ދައްކުވައިދޭ ތަރިއެކެވެ. އޭނާ ކުޅޭ ފިލްމުތަކުގައި ކުޅޭ ތަފާތު ރޯލްތަކުން ކަންގަނާ އަކީ ތަފާތު އެކްޓްރެސް އަކަށް ވަނީ ވެފައެވެ. އެގޮތުން ޖަޖްމެންޓް ހޯލް ހެއި ކިޔާ ގައި އޭނާ ކުޅެފައިވާ ބޮބީގެ ރޯލަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ރޯލެކެވެ. ނަފުސާނީ ގޮތުން ގިނަ ކަންތައްތަކަކާ ކުރިމަތިލާ އަންހެނަކު މަރެއްގެ ހަގީގަތް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެވެ. އޭނާ އަށް ހީވާ ހީވުންތަކަކަށް ކަންތައްތައް ކުރަމުން އަންނައިރު އެންމެ ފަހުން ކަންގަނާ ޝައްކު ކުރަމުން ދިޔަ ކަންތައްތައް ހަގީގަތަކަށް ވެގެންދާތަން ފިލްމުން ފެނިގެންދެ އެވެ.

ކަންގަނާ ފިލްމު ޖަޖްމެންޓްހޯލް ހެއި ކިޔާގެ މަންޒަރަކުން

ވިދްޔާ ބާލަން - މިޝަން މަންގަލް

އަންހެނުންނަށް އެމީހުންގެ މަސައްކަތާއި އަމިއްލަ ދިރިއުޅުން ހަމަހަމަ ކޮށް ކުރިޔަށް ގެންދިޔުމަކީ މިއަދުގެ ދުނިޔޭގައި އެންމެ އުނދަގޫ އެއް ކަމެވެ. ދަރިންނާއި ފިރިމީހާ އާއި ގޭގެ ކަންތައްތައް ބަލަމުން މަސައްކަތުގެ ޒިންމާ ނަގައިގެން އުޅެވޭނީ ވަރަށްވެސް ކުޅަދާނަ އަންހެނަކަށެވެ. މިޝަން މަންގަލް އިން ވިދްޔާ ފެނިގެންދަނީ އެފަދަ ރޯލަކުންނެވެ. ގިނަ ބައެއްގެ ލޮލުގައި ވިދްޔާގެ އެކްޓިންގ މިފިލްމުން އަޅައިގަތުމުގެ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެ އެވެ. މިޝަން މަރސް ދައްކުވައިދޭ މިފިލްމުގައި ވިދްޔާ ފެނިގެންދަނީ މަސައްކަތުގައިވެސް ގާބިލް މީހެއްގެ ގޮތުގައެވެ. އަދި ހަމައެހެންމެ އަމިއްލަ ދިރިއުޅުގެވެސް ޒިންމާތައް ފުރިހަމައަށް އަދާކުރާ އަންހެނެއްގެ ގޮތުގަ އެވެ.

ވިދްޔާ ބާލަން މިޝަން މަންގަލްގެ މަންޒަރަކުން

ޕްރިޔަންކާ ޗޮޕްރާ - ދަ ސްކައި އިޒް ޕިންކް

ދުވަސްތަކަކަށް ފަހު ޕްރިޔަންކާ މިވަނީ އަލުން އަނބުރާ ބޮލީވުޑަށް އައިސްފަ އެވެ. ހަގީގީ ވާހަކަ އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ދަ ސްކައި އިޒް ޕިންކުން ޕްރިޔަންކާ ފެނިގެންދަނީ މަންމައަކު އޭނާގެ ބަލި ދަރި އަކު ގެންގުޅޭ ގޮތެވެ. ފިލްމުގައި ޕްރިޔަންކާ ދައްކުވައިދީފައިވާ ރޯލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފަ އެވެ.

ޕްރިޔަންކާ ދަ ސްކައި އިޒް ޕިންކުގެ މަންޒަރަކުން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް