އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން ކުލަލައިދިނުމުގެ ޚިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފިއެވެ.
މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަރ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް މރ. ހެންރީއެވެ.
ކުލަލުމުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައެވެ. ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިންނެވެ.
މި ޚިދުމަތާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މީޑިއާ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މިވަގުތު މި ޚިދުމަތް ދޭން ފަށާފައިވަނީ ގެތަކަށް ކަމަށާއި، ކުލަ ލައިދިނުމުގެ އިތުރުން ވެސް އެހެނިހެން ޚިދުމަތްތައް ވެސް އެސްޓީއޯއިން ދެމުންގެންދާނެ ކަމަށެވެ.
ކުލަ ލައިދިނުމުގެ ހިދުމަތް އަޅުގަނޑުމެން މިވަގުތު ކޮމާޝަލް ބޮޑެތި ޕްރޮޖެކްޓްތައް ނުދިން ނަމަވެސް ގޭބިސީތަކަށް ދޭން މިފަށަނީ. ދެން ގެތަކުގައި ކުލަ ލައިދިނުމުގެ އިތުރުން އެއާއެކު ގޭގައި ހުންނަ ފަރުނީޗަރުތައް ޕްރޮޓެކްޓް ކޮށްދީ ކުލަ ލައިދޭނީ. ދެން ކުލަ ލައިދީ ނިންމުމަށްފަހު އަލުން ފަރުނީޗަރު ރާވައިދީ ނުވަތަ ހުރިތަނަކަށް ގެންދާނަން،އަބްދުﷲ މުހައްމަދު
އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ޚިދުމަތް ފަށާފައިވާއިރު އެ ޚިދުމަތާއެކު ފާރުގެ ޙާލަތު ދެނެގަތުމާއި "ކަލަރ ސްކީމް" އިޚްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިންގ ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނެއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެއެވެ.