މަސްވެރިންނަށް ހާއްސަ ފަހި ހަކަތަ އަދި ކެޔޮޅު އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ.
މި ދެ އެޕްލިކޭޝަން ލޯންޗް ކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި 39 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައެވެ.
މީގެ ތެރެއިން ފަހި ހަކަތަ އެޕްލިކޭޝަނަކީ ސަރުކާރުގެ ވައުދުތަކާއި އެއްގޮތަށް މަސްވެރިން މަސްވެރިކަން ކުރުމަށްޓަކައި ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރިންނަށް ލުއި ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަނުން މަސްވެރިންނާއި ތެޔޮ ފޯރުކޮށްދޭ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ތެޔޮއެޅުމަށްޓަކައި ބޭނުންވާ ޓޯކަން ވަގުތުން ޖެނެރޭޓް ކުރެވި ތެޔޮއެޅުމުގެ މަރުހަލާ ފުރިހަމަ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ޑިއުޓީން އިނާޔަތް ދިނުމަށް މިނިސްޓްރީން އެކުލަވާލާފައިވާ ޕްރޮގްރާމުގެ ތެރެއިން އެވްރެޖްގޮތެއްގައި އަހަރެއްގެ މަތިން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް މަސްވެރި އުޅަނދެއްގެ ހަރަދުން ސަލާމަތް ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި އެޕްލިކޭޝަން ބޭނުންކުރުމުން މަސްވެރިކަން ކުރާ އުޅަނދު ފަހަރުން އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކެޔޮޅު އެޕްލިކޭޝަނަކީ ބޮޑު ލޮގްފޮތެއްގައި ފުރިހަމަކޮށް މީގެ ކުރިން މިނިސްޓްރީއަށް ފޮނުވަމުންއައި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި މިއީ މަސްވެރިކަމުގެ ދާއިރާއަށް ފަހުގެ ޒަމާނީ ޓެކްނޮލަޖީ ތައާރަފްކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރެވުނު އާ ބޮޅެއް ކަމަށާއި، ގަދަ ކަނޑުގައި ފުރޮޅެމުންދިޔަ އުޅަނދެއްގައި ކުރިން ފުރަމުން ދިޔަ މި ލޮގްފޮތް ކެޔޮޅު އެޕް މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުރިހަމަކޮށް ވަގުތުން މިނިސްޓްރީއަށް ފޮނުވުމުގެ ފުރުސަތު ކެޔޮޅުއެޕާއެކު ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ކައުންސިލް އޮފީސް މެދުވެރިކޮށް ނުވަތަ ބައެއް ފަހަރު ސީދާ މިނިސްޓްރީއަށް އައިސް ހަވާލުކުރަމުންދިޔަ ލޮގްފޮތް ރަށަށް ލެފުމުގެ ކުރިން މިނިސްޓްރީއަށް ފޮނުވުމުގެ ގާބިލްކަން މި އެޕާއެކު މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި މި އެޕުން މަސްވެރިންނަށް މުހިންމު ބައެއް މައުލޫމާތު ކަނޑުމަތީގައި ތިބެގެން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމެޖިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ކެޔޮޅު އެޕްލިކޭޝަނުން މޫސުމާގުޅޭ މައުލޫމާތާއި މަސްކަނދުފަތިތައް ހަރުކޮށްފައިވާ ޖީޕީއެސް ޕޮޒިޝަން އަދި ކުންފުނިތަކުގެ މަސްކިރާ ބޯޓުފަހަރު އޮތް ސަރަހައްދާއި މަސްބާނާ ނިންމުމަށްފަހު މަސްކިރުވަންދާނެ އެންމެ ކައިރި ކަލެކްޓާ ބޯޓެއް އަދި އެއިން ބޯޓަކަށް އެދުވަހަކު ކިރުމުގެ ގާބިލްކަން ހުރި މިންވަރު ކޮންމެ ދުވަހަކު މި އެޕް މެދުވެރިކޮށް އަޕްޑޭޓް ކުރެވެމުންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކާއި، ރޭންޖް ނުލިބެ ހިސާބުގައި އޮތް ނަމަވެސް ސެޓްލައިޓް މެދުވެރިކޮށް އެޕަށް މޫސުމާއި މުހިންމު މައުލޫމާތު ކުރިއަށް އޮތްތަނުގައި ލިބޭނެ ގޮތް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.