ނައިޖީރިއާގެ ބޯކޯ ހަރާމް ޖަމާއަތުން ހައްޔަރުކޮށްފައިތިބި އަންހެންކުދިންގެ މަތިން ހަނދާން ނައްތާ ނުލުމަށް އެ ޖަމާއަތުގެ އަތްދަށުން ސަލާމަތްވި ކުދިން ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލައިފިއެވެ.
އެ ޖަމާއަތުން 270 ކުދިން ވަގަށްނެގި ހާދިސާއަށް އަންނަ މަހު ތިން އަހަރު ފުރޭނެއެވެ.
ހަނގުރާމަވެރިންގެ އަތްދަށުގައި މިހާރުވެސް 195 ޒުވާން އަންހެނުން އެބަތިއްބެވެ.
ދުބާއީގައި އޮތް އެޑިއުކޭޝަން ކޮންފަރެންސެއްގައި ޚިޔާލީ ނަމެއްގައި ވާހަކަ ދެއްކި ކުއްޖަކު ބުނީ"އެ އަންހެން ކުދިންނަކީ ވެސް އިންސާނުންކަމަށާއި ހަނދާން ނައްތާލެވޭނެ ބައެއް ނޫން"ކަމަށެވެ.
ނައިޖީރިއާގެ އިރުއުތުރުގައި 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ހަނގުރާމަވެރިން އަންހެން ކުދިންތަކެއް ވަގަށް ނެގުމުން ދުނިޔެއިން ވަނީ އެ ކުދިން ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލާފައެވެ.
އަދި އަންހެން ކުދިންގެ ތައުލީމަށް ގޮވާލައި ކުރިޔަށް ގެންދާ ކެމްޕެއިންތައް ވަރުގަދަ ވެގެން ދިއައެވެ.
ނަމަވެސް ތިން އަހަރެއްހާ ދުވަސްވެފައިވާއިރު ރަހީނު ކުރި ކުދިންގެ ތެރެއިން ގިނަ ކުދިން ތިބީ ހަނގުރާމަވެރިންގެ އަތްދަށުގައެވެ.
ރަހީނުކުރެވުމަށްފަހު ސަލާމަތްވި ސައާ (ސަލާމަތަށް ޓަކައި އޭނާ ގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކުރާނަން) ބުނީ "އޭނާގެ އެކުވެރި ސްކޫލް ކުދިން ސަލާމަތްކުރުމަށް ދުނިޔެއިން ކޮންމެވެސް ކަމެއް ކުރަން ވެއްޖެ"ކަމަށެވެ.
"ތިބޭފުޅުންގެ އަންހެން ދަރިފުޅު ނޫނީ އަންހެނުން ގެއްލިއްޖެނަމަ ކުރެވޭނީ ކޮންކަހަލަ އިހުސާސެއްތޯ؟ އެންމެ ދުވަހެއް ދެ ދުވަހެއް ނޫން، އެކަމަކު ތިން އަހަރު.މިއީ ވަރަށްބޮޑު ވޭނެއް" ގްލޯބަލް އެޑިއުކޭޝަން އެންޑް ސްކިލް ފޯރަމްގައި ވާހަކަދައްކަމުން ބުންޏެވެ.
އޭނާ ބުނީ ރަހީނުކުރެވިފައިވާ ބައެއްކުދިންގެ މައިންބައިފައިން މިހާރު ދުނިޔެ ދޫކޮށްފައިވާ އަނެއްބަޔަކު ތިބީ ދިގު އިންތިޒާރުގެ ސަބަބުން އަނިޔާވެރިކަމެއްގެ ތެރޭގައި ކަމަށެވެ.