ކުރިޔަށްހުރި ދުވަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި, ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށާއި، ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.
އެގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހާޞިލުކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާން ވަނީ ދެއްވާފައެވެ. ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާޙުތަކާއެކު ރަށްރަށުގައި ދެވޭ ތަޢުލީމާއި ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހިންގެ ހިއްސާ ބޮޑުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުން އަދި މިނޫންވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ފަރާތްތައް ދިވެހި ޤައުމަށް ވަޑައިގެން ޚިދުމަތަށް ނުކުންނެވުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢަށް ފައިދާހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވާފައިވެއެވެ.