މިދިޔަ ހަފުތާގައި ޕީއެސްޖީއާއިއެކު ކުޅުނު މެޗުގައި ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ރެއާލް މެޑްރިޑްގެ މަޝްހޫރު ފޯވަރޑް އެޑެން ހަޒާޑަށް އެލްކްލެސިކޯ ކުޅެވޭނެކަމުގެ އުންމީދެއް ނެތް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ފްރާންސްގެ ފުޓުބޯޅައިގެ ގަދަބާރު ޕެރިސް ސެއިންޓް ޖާރމަން އާއި ބައްދަލުކޮށް ރެއާލް މެޑްރިޑް 2-2 އިން އެއްވަރުވި މެޗުގައި ހަޒާޑްގެ ކުޑަހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން، އެއިރު ރިިއާލް މެޑްރިޑުން ބުނެފައިވަނީ ހަޒާޑް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ އެންމެ 10 ދުވަހުކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިތުރު ޓެސްޓްތަކަށް ފަހު ހަޒާޑަށް ލިބުނު އަނިޔާ އަކީ ކުޑަ އަނިޔާއެއް ނުންކަމަށާއި ހަޒާޑްގެ ކުޑަ ހުޅު ފްރެކްޗަރ ވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ވެއެވެ.
މިކަން ކަށަވަރުކޮށްދީ ރެއާލްމެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައު ސީޒަނުގައި ޑިސެމްބަރު މަހުގެ 18ގައި ބާސެލޯނާއެކު ރިއާލް މެޑްރިޑް ކުޅޭ މެޗުގައާއި، ލަލީގާގެ މުހިންމު އިތުރު މެޗްތަކުގައި ހަޒާޑް ފުރަތަމަ 11 ގައި ނުހިމެނޭނެކަމަށެވެ. 201-2020 ވަނަ ސީޒަނުގައި ރެއާލް މެޑްރިޑުގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅެން އުދަނގޫވެފައިވާއިރު، އެ ޓީމުގެ ކޯޗަށް މިވަނީ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ. އެގޮތުން ރިޕޯޓުތައް ބުނާ ގޮތުން 4-4-2 ފޯމޭޝަނާއެކު ހަޒާޑް ނެތްތަން ފޫބެއްދުމަށް ގެރެތް ބޭލްގެ އިތުރުން ކަރީމް ބެންޒެމާ އެޓޭކިންގް ލައިނުގައި ހިމަނާނެއެވެ.
ހަޒާޑަށް ލިބުނު އަނިޔާއިން ފަސޭހަވުމަށް 6 ނުވަތަ 10 ހަފުތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ރެއާލް މެޑްރިޑުން ވަނީ ބުނެފައެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެ ޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 352 މެޗުގައި 110 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެލްސީއާ އެކު ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ހަޒާޑް ވަނީ، އެ ޓީމާ އެކު ދެ ފަަހަރު މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 100 މެޗުގައި 30 ލަނޑު ކާމިޔާބު ކޮށްފައެވެ.