ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 16:33
މަރާލައިފައިވާ ކިމް ޖޮން ނަމް
މަރާލައިފައިވާ ކިމް ޖޮން ނަމް
ގޫގުލް
ކިމް ޖޮން ނަމް މަރާލުން
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
ރިޕޯޓުތައް ބުނާގޮތުން ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރީ، އޭނާގެ ގާތްތިމާގެ މީހުން ހަށިގަނޑު ލިބިދިނުމަށް އެދެދެން ކުނިނުވެ ބޭއްވުމަށް

މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލާފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމްގެ ހަށިގަނޑު މިދޔަ އާދިއްތަ ދުވަހު އިމްބާމް (ކެމިކަލް ބޭނުންކޮށްގެން ހަށިގަނޑު ކުނިނުވާ ގޮތަށް ހެދުން) ކޮށްފައިވާ ކަމަށާއި، މިހެން ވުމުގެ ސަބަބުން ހަށިގަނޑު ކުނިނުވެ ކުރިއަށް އޮތް ތިން މަހަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެލޭޝިއާގެ ހޮސްޕިޓަލަކާއި ހަވާލާދީ، ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، އިމްބާމް ކޮށްފައި އޮތުމުގެ ސަބަބުން އުތުރު ކޮރެއާ އަށް ހަށިގަނޑު ފޮނުވަން ޖެހިއްޖެ ނަމަ ފަސޭހައިން ފޮނުވޭނެއެވެ. ރިޕޯޓުތައް ބުނާގޮތުން ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރީ، އޭނާގެ ގާތްތިމާގެ މީހުން ހަށިގަނޑު ލިބިދިނުމަށް އެދެދެން ކުނިނުވެ ބޭއްވުމަށެވެ. މިހާރު ހަށިގަނޑު އޮތީ ހޮސްޕިޓަލެއްގެ މޯޗުއަރީގައެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ.

މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ.

މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ.

ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ

- ކޮމެންޓް