އިންޑިއާ ކަނޑުގެ ޞަރަޙައްދީ ކަންކަމުގައި ރާއްޖޭގެ އަޑު އުފުލުމުގެ ޝައުޤުވެރިކަން ބޮޑުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އިންޑިއާއާއި ރާއްޖެއާއި ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއް ބަދަލުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައ ރައީސް ވިދާޅުވީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން ނުވަތަ އައޯރާގެ އެންމެ އާ މެންބަރުގެ ހައިސިއްޔަތުން ވެސް ޞަރަޙައްދީ ކަންކަމުގައި ރާއްޖޭގެ ފަރާތުން އަޑު އުފުލުމުގެ ޝައުޤުވެރިކަން ބޮޑު ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ޞަރަޙައްދުގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވިޔަފާރީގެ ދާއިރާގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމަށް އިންޑިއާ ސަރުކާރާ އެކު މަސައްކަތް ކުރުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖެއަށް ފަހިކޮށްދެއްވި މި މުހިންމު އެއްބަސްވުންތަކަށް އަދިވެސް އެއްބަފަހަރު ޕްރައިމް މިނިސްޓަރު [ނަރެންދުރަ މޯދީ] އަށް ޝަކުރު ދަންނަވަން. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވަން،ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ އިންޑިއާއާއެކު ބާއްވާ ގުޅުމަށް އަބަދުވެސް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އަލުން ވަރުގަދަވެގެންދާ ތަން ބަލައިގަންނަ ކަމަށާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
ދެގައުމުގެ ދެމެދުގައި އޮތް ދޭދޭގުޅުމާއި އިގްތިސާދީ އަދި ސަގާފީ ކަންކަން ވަރުގަދަ ކުރުމަށް މި ދެއްވާ އަހައްމިއްޔަތު ކަމަކީ ދެ ގައުމުން ވެސް އެކަމަށްވެ ވަޑައިގެންނެވި ވައުދުތަކުގެ ފޮނި މީރުކަން. އަޅުގަނޑު އުފަލާއެކު ފާހަގަކުރަން މި އެއްބަސްވުންތަކުގެ ސަބަބުން ގުޅުންތައް ރަނގަޅުވެގެން ދާނީ ހަމައެކަނި އިންޑިއާއެކީގައި އެކަންޏެއް ނޫން. މިކަމުގެ ސަބަބުން ސަރަހައްދީ ގުޅުންތައް ވެސް ވަރުގަދަވެގެން ދާނެ،ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އިންޑިއާއާއި ރާއްޖެއާއި ދެމެދު ވަނީ މުހިންމު ހަތަރު އެއްބަސްވުމެއް ބަދަލުކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ އެއްބަސްވުމަކާއި، ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާޙުކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި ކޯސްޓްގާޑު އައިޕީވީ ކާމިޔާބު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުންވެސް ހިމެނެ އެވެ.