ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 15:09
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ގޫގުލް
ރައީސް ޓްރަމްޕް
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
މުސްލިމު މެޖޯރިޓީ 7 ގައުމެއް ހިމެނޭ ގޮތަށް އެންމެ ފުރަތަމަ ރައީސް ޓްރަމްޕް ގާރާރެއް ނެރުއްވީ މިދިޔަ ޖެނުއަރީ 27 ގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މީޑިއާއާ ދެމެދު އޮންނަ "ކޯޅުން"ތަކަކީ މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކުރިން ވެސް އެންމެންނަށް އެނގޭ ކަންކަމެވެ. އަދި މިހާރު ވެސް ފާޅުކަން ބޮޑު ގޮތެއްގައި "އެ ކޯޅުން އޮވެއެވެ." އެހެން ނަމަވެސް ވެރިކަމަށް ރައީސް ޓްރަމްޕް އައުމާއިއެކު އެހެން ކޯޅުމެއް ފެށިއްޖެއެވެ. އެއީ ރައީސް ޓްރަމްޕާއި ޝަރުއީ ދާއިރާ އާ ދެމެދު އޮތް "ކޯޅުމެވެ."

މިކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިގެން ދިޔައީ ބައެއް މުސްލިމު ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް އެރުން މަނާކުރާ ގަރާރެއް ރައީސް ޓްރަމްޕް ފާސްކުރުމާއި ގުޅިގެންނެވެ. މުސްލިމު މެޖޯރިޓީ 7 ގައުމެއް ހިމެނޭ ގޮތަށް އެންމެ ފުރަތަމަ ރައީސް ޓްރަމްޕް ގާރާރެއް ނެރުއްވީ މިދިޔަ ޖެނުއަރީ 27 ގައެވެ. އެ ގަރާރު ނުވަތަ އަމުރު އެކި ސްޓޭޓް ތަކުގެ ޖަޖުން ހުއްޓުވިއެެވެ. ރައީސް ޓްރަމްޕްގެ އެ ގާރުގައި އިރާގާއި، އިރާނާއި، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުން މީހުން އެމެރިކާއަށް އެތެރެވުން މަނާކުރިއެވެ.

އެންމެ ފަހުން، މި މާޗް މަހު ރައީސް ޓްރަމްޕް ނެރުއްވި ގަރާރުގައި އިރާގު ފިޔަވައި، ކުރީގެ ގަރާރުގައި މީހުން އެތެރެވުން މަނާކުރި ހުރިހާ އެހެން ގައުމެއް ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، ވިސާދިނުމުގައި އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ޝަރުތުކޮށް، އިރާގު މި ލިސްޓުން އުނިކޮށްފައިވަނީ، ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ކުރިމަތިލުމުގައި އިރާގުން އެމެރިކާއަށްދޭ އެއްބާރުލުމުގެ ސަބަބުން، ޕެންޓަގަން އާއި ސްޓޭޓް ޑިޕާޓްމަންޓުން ރައީސް ޓްރަމްޕަށް ޕްރެޝަރ ކުރުމުންނެވެ. 90 ދުވަހުގެ މުއްދަތަކަށް އަމަލު ކުރުމަށް ހަމަޖައްސާފައިވާ، ރައީސް ޓްރަމްޕްެގެ ފަހުގެ ގަރާރުގައި، 120 ދުވަހުގެ މުއްދަތަކަށް އެމެރިކާއަށް ރެފިއުޖީން އެތެރެވުންވެސް މަނާކޮށްފައިވާއިރު، މި އަމުރަށް އަމަލުކުރަން ފަށަން އޮތީ މާޗް 16 ގައެވެ.

މުސްލިމު މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުތަކާއެކު މި މާޗް މަހު ނެރުއްވި ގަރާރަށް ޝަރުއީ ދާއިރާއިން އައިސްފައިވާ ގޮންޖެހުންތަކަށް ބަލާލަމާތޯއެވެ.

މެރީލޭންޑްގެ ކޯޓާ ހަވާއީގެ ކޯޓުގެ ފެޑެރަލް ޖަޖުން، އެކޯޓްތަކަށް ހުށަހެޅުނު މައްސަލަ ބެއްލެވުމަށް ފަހު އިއްވި ހުކުމުގައި ވިދާޅުވެފައި ވަނީ، ޓްރަމްޕް ނެރުއްވި އަމުރަކީ ސީދާ މުސްލިމުން ފާހަގަ ކުރައްވައި، މުސްލިމުންނާ ދެކޮޅަށް ނެރުއްވި އަމުރެއް ކަމަށެވެ. ޓްރަމްޕްގެ އަމުރު ބާތިލް ކުރުމަށް މޭރީލޭންޑްގެ ކޯޓަށް މައްސަލަ ވެއްދީ އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަންއާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، ރެފިއުޖީންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތްތައް ގުޅިގެންނެވެ. ރައީސް ޓްރަމްޕްގެ އަމުރު އެންމެ ފުރަތަމަ ހުއްޓުވި، ހަވާއީގެ ފެޑެރަލް ޖަޖުގެ ހުކުމުގައި ވަނީ ރައީސް ޓްރަމްޕްގެ އަމުރަކީ ގާނޫނީ ހަމަތަކަށް ބިނާވެފައިވާ އަމުރެއް ނޫން ކަމަށާއި ރައީސް ޓްރަމްޕްގެ އަމުރަށް އަމަލުކޮށްފި ނަމަ ދާއިމީ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު އިވިގެން ދިޔަ އަޑަކީ ވޮޝިންޓަން ސްޓޭޓްގެ ފެޑެރަލް ޖަޖަކު ވެސް ޓްރަމްޕުގެ އަމުރު ހުއްޓުވުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވި ޚަބަރެވެ.

ހުކުރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވި މައްސަލަ، ޓްރަމްޕްގެ ސަރުކާރުން ވަނީ އިސްތިއުނާފުކޮށްފައެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓަކަށް ނޫނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން މެރީލޭންޑްގެ ޖަޖު ނެރުއްވި އަމުރު އިސްތިއުނާފު ކުރީ ވާޖީނިއާގެ ރިޗްމަންޑް ގައި ހުންނަ ފޯތް ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސް އަށެވެ.

ރައީސް ޓްރަމްޕް ބަދަލުތަކާއެކު ނެރުއްވި ގަރާރަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޓްރަމްޕް ވަނީ އެމެރިކާގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހިވަޑައިގެންފި ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކަން މިހެން އޮތް އިރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ފުރަތަމަ ހަރުފަތަކަށް ވާނީ މިހާތަނަށް ދެ ސްޓޭޓަކުން ޖަޖުން އަމުރު ހުއްޓުވި ހުއްޓުވުން، އެއްކޮށް ނޫނީ ވަކިވަކިން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމެވެ. ކުރިއަށް މަދު ދުވަސްކޮޅުގެތެރޭގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުން އެނގޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވަނީ ސަރުކާރުން ދެން ކަން ކުރައްވާނީ ކޮން ގޮތަކަށްކަން ވިދާޅުވަން ދެކޮޅުހައްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް