އިސްލާމް ދީނުގެ ނަމުގައި މީހުން މެރުމާއި، ކުޑަކުދިންގެ އިތްފަތްތެރިކަން ނަގައިލުމަކީ ހިތާމަހުރި ކަމެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވިދާޅުވީ، ދީނުގެ ނަމުގައި ދީނާއި ނުގުޅޭ ކަންކަން ބައެއް މީހުން ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހައްޤުތަކާއި ކަރާމަތް ރައްކާތެރި ކުރުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރަށް އެކަމަށް ގޮވާލާ އެހެން ދީނެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވުމާއެކު އިސްލާމް ދީނުގެ ނަމުގައި މީހުން މެރުމާއި، ކުޑަކުދިންގެ އިއްފަތްތެރިކަން ނަގައިލުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއްބަޔަކު މަސައްކަތް ކުރަނީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތް ކަންތައްތައް ދީނުގެ ކަންކަމުގައި ހަދައިގެން މި މަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށް، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަމެއް، މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް އަދި އިސްލާމް ދީނުގައި ބާރުއަޅާފައިވާ މިންވަރަށް އެކަންކަމަށް ބާރުއަޅާ އެއްވެސް އަޤީދާއެއް އެއްވެސް ދީނެއް މި ދުނިޔެއަކު ނެތް، ނަމަވެސް އިސްލާމް ދީނުގެ ނަމުގައި މީހުން މަރާ، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ އިއްފަތްތެރިކަން ނަގައިލުމުގެ އަމަލުތަކެއް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރާކަމީ، އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަދައްކާ އުޅޭކަމީ ވަރަށް ހިތާމަހުރި ކަމެއް.ނައިބް ރައީސް ފައިސަލް ނަސީމް
އޭގެ އިތުރުން، އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި ބެހޭގޮތުން ނައިބް ރައީސް ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލުތައް ޤަބޫލު ނުކޮށް، ދީނުގެ ކަންކަމަށް ހަޖޫ ޖަހައި ފުރައްސާރަ ކުރުމަކީ މި ފަސްގަނޑުގައި ޖާގަ ދެވިގެންވާނެ ކަންކަމެއް ނޫން ކަމަށާއި، އެއީ ތަހުޒީބު މުޖުތަމައެއްގެ ހަމަ ތަކުގެ މަތިން ބަލާއިރުވެސް ހުއްދަކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެގޮތުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، އިހާނެތިކޮށް ހިތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެއީ މި މުޖުތަމައު ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ނައިބް ރައީސް އިތުރަށް ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގެ ނަމުގައި ނުރަނގަޅު ކަންކަން ކުރާ މީހުންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ދީނުގެ ރިވެތި އުސޫލުތައް އުނގަންނައިދީ އިސްލާމް ދީނާއިމެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި އިސްލާމް ދީނުގެ ސައްހަ އަޤީދާ ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަކީވެސް މުހިއްމު ކަމެއްކަމަށް ނައިބްރައީސް ވިދާޅުވިއެވެ.