ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގެ މާކެޓްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ދެވަނަ ފަހަރު ފަށައިފިއެވެ.
މި ކެމްޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކާއި ތަފާތު ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމް.އެމް.ޕީ.އާރު.ސީ) އިން އެންޑޯޒްކޮށްފައިވާ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.
މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކެއް ލިބި އަދި އެކި އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މި ކެމްޕޭނު ދެވަނަ ފަހަރަށް ކުރިޔަށް ގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި 'އެކްސްޕީރިއަންސް މޯލްޑިވްސް' އަކީ ވަރަށް ކާމިޔާބު ކެމްޕޭނެއް ކަމަށެވެ. އަދި އުންމީދަކީ މި އަހަރުވެސް މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަަލުތަކެއް އައުން ކަމަށް ޓިމް ވިދާޅުވިއެވެ.
މި ކެމްޕޭން މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާއިރު ކެމްޕޭއިނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.