ރޮހިންޔާ މުސްލިމުން ބޭތިއްބުމަށް ހަދާފައިވާ ރެފިއުޖީ ކޭމްޕްތައް ބަންދުކޮށް އެމީހުން މިނިވަން ކުރުމަށް އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަންނާން ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ.
ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދިޔަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ހުއްޓުވޭނެ ގޮތެއް ހޯދުމަށް ސޫ ކީ އުފެއްދެވި ހާއްސަ ކޮމިޝަންް ލީޑްކުރައްވާ އަންނާން އިތުރަށް ވިދާޅުވީ މިޔަންމާ ރައްޔިތުންނަށް ވީތީ އޮންނަ ހައްގު ރޮހިންޔާ މުސްލިމުންނަށް ވެސް އޮންނަން ޖެހޭނެ ކަަމަށެވެ.
ކޯފީ އަންނާން އިސްވެރިޔަަކަށް ހުންނެވި ކޮމިޝަނުން ބުރާސްފަތި ދުވަހު ރިޕޯޓެއް ނެރެފައިވާއިރު އެރިޕޯޓުގައި، ރެފިއުޖީ ކޭމްޕްތައް ބަންދުކޮށް އެތަނުން ނުކުންނަ މުސްލިމުންނާއި އަދި އެނބުރި ވަޒަނަށް އަންނަ މުސްލިމުން އެމީހުން ބޭނުންވާ ތަންތަނުގައި ވަޒަންވެރިވުމުގެ ހައްގާއި އަދިވެސް އެހެނިހެން އަސާސީ ހައްގުތަށް ދިނުމަށް ގޮވާލާފައި ވެއެވެ. މީގެ އިތުރުން މިޔާންމާގައި ރޮހިންޔާ މުސްލިމުން ހަރަކާތްތެރިވެ އުޅުން މިހާރު ދަތިކޮށްފައި އޮންނަ އޮތުން އުވާލުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި އެމީހުންނަށް ރައްކާތެރިކަން ދިނުމަށް ވެސް ގޮވާލާފައި ވެއެވެ.
ގެދޮރު ގެއްލިފައިވާ އެތައް ހާސް ރޮހިންޔާ މުސްލިމުން ރެފިއުޖީ ކޭމްޕުތަކުގައި ބަންދުވެފައިވާއިރު، 2012 ވަނަ އަހަރުން ފެށިގެން، ރަހީން ސްޓޭޓުގައި މުސްލިމުންނާއި ބުޑިސްޓުންނާ ދޭތެރޭ ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން، 120،000 މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.
ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދިޔަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ހުއްޓުވޭނެ ގޮތެއް ހޯދުމަށް ސޫ ކީ ހާއްސަ ކޮމިޝަނެއް އުފެއްދީ، އެކަމަށް ފިޔަވަޅު އެޅުމަށް އދ. އާއި ބައިނަލްއަގްވާމީ މުޖުތަމައުން ފިއްތުންތައް ކުރިމަތިކުރާން ފެށުމުންނެވެ.