Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 09:27
އއ. ރަސްދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އއ. ރަސްދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އއ. ރަސްދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމެއް އެކުލަވާލައިފި
ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އއ. ރަސްދޫ ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކޮށްފައި
އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމްގައި ހިމާނާފައިވަނީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް
މި ޕްރޮގްރާމްގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަކުރި

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އއ. ރަސްދޫ ކައުންސިލް އިދާރާ ގުޅިގެން ރަސްދޫގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމުގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާޙުކޮށްފިއެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އއ. ރަސްދޫގައި އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. އަދި މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ އއ. ރަސްދޫ ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކުރައްވާފައެވެ. މި ޕަންޕް ސިސްޓަމް ރަސްދޫ ކައުންސިލާ ހަވާލުކޮށްދެއްވީ ވެސް މިނިސްޓަރ މާރިޔާއެވެ. ރަސްދޫ ކައުންސިލުގެ ފަރާތުން ޕަންޕް ސިސްޓަމާއި ހަވާލުވެލެއްވީ ރަސްދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޖަލީލު މޫސާއެވެ.

Advertisement

ރަސްދޫގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމުގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީ އެތަކެތި ޢަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންގެ އޮފިސަރުންނެވެ.

2019 ނޮވެންބަރު 17 އިން ފެށިގެން 6 ވަނަ ދުވަހުގެ މުއްދަތަށް އެރަށުގައި ހިނގި މި ޕްރޮގްރާމުގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރައްވާފައެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމުގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުއްރަޢޫފާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އއ. ރަސްދޫ ކައުންސިލުގެ މެމްބަރުންނާއި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް