މާލޭގައި އާންމުންނަށް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އާމިނަތު ވަހީދާ (އައިންތު) ގެ ވާހަކަ މީސް މީޑިއާއަށާއި ނޫސްތަކަށް ތިލަވެގެން ދިޔައީ އޭނާއަކީ އާންމުންނަށް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ޑްރައިވަރުންގެ ތެރޭގައި ހުރި ހަމައެކަނި އަންހެން ޑްރައިވަރުގެ ގޮތުގައެވެ. އަންހެން ކަނބަލުން އާންމުކޮށް ނުފެންނަ ދާއިރާއަކުން އައިންތު ފެނިގެން ދިޔައީ ލާމަސީލު ކުޅަދާނަ ޑްރައިވަރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ކުޅަދާނަކަމާއި، ހިތްވަރުގަދަކަމުގެ ފަހަތުގައިވާ ހިތްދަތި ދިރިއުޅުން ވަރަށްވެސް ހިތާމަވެރިއެވެ.
އުފަން ދެ ދަރިންނާއި އާއިލާ މީހެއްގެ ދެ ދަރިން ބަލައި އެ މީހުންނަށް ޚަރަދު ކުރަމުންދާ އައިންތު ދިރިއުޅުމަށް ކުރަމުންދާ މަސައްކަތް ކަމަށްވާ ޓެކްސީ ދުއްވުން މިއަދު މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ދިރިއުޅުމުގެ ޚަރަދުތައްކޮށް، ދަރިންގެ ޚަރަދުތައް ކުރާނެ ގޮތަކާއިމެދު ސުވާލު އުފެދިފައެވެ.
މިއަހަރުގެ ކުރީކޮޅު އައިންތުގެ ކާރަށް އޭނާގެ ފިރިމީހާ ގެއްލުންދިން ވާހަކަ މީޑީއާތަކުގައި ފެންމަތިވެގެން ދިޔައެވެ. އެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ފުލުހުންނަށްވެސް އެތައް ފަހަރަކު ހުށައަޅާފައިވާއިރު، އަދިވެސް އެކަމަށް ހައްލެއް ލިބިފައެއް ނުވެއެވެ. އޭރު އައިންތުގެ ކާރު މަގުމަތިން ހުއްޓުވައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީ އޭނާއަށްވެސް އަނިޔާކޮށްފައިވާ މައްސަލަ ފުލުހުންނަށްވެސް ރިޕޯޓް ކޮށްފައިވާއިރު، އެ މައްސަލަ ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން އޭރު މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
އައިންތު ބުނި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ ފިރިމީހާގެ ފަރާތުން ލިބެމުންދާ އަނިޔާތަކާއި، ފިރިމީހާ ޚަރަދު ނުކުރުމުގެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި، އެފްސީޕީޑީ އަދި ފުލުހުންނަށްވެސް ހުށައަޅަމުންނެވެ. އެގޮތުން ފިރިމީހާ އަނިޔާކޮށް ޚަރަދު ނުދޭތީ ވަރިވާންވެސް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ކޯޓުންވެސް ސުލްޙަވުމަށް ފޮނުވާކަމުގެ ޝަކުވާ އައިންތު ކުރިއެވެ. އެގޮތުން އައިންތު ބުނީ، ފިރިމީހާ އެގޮތަށް ކަންތައް ކުރަމުންދާއިރު ސުލްހަވުމަށް ފޮނުވަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
މި ކަންކަމަށް ހައްލެއް ނުގެނެވި އުޅެނިކޮށް އަނެއްކާވެސް މިވަނީ އައިންތު ޓެކްސީ ކުރަމުން ދިޔަ ކާރަށް ގެއްލުންދީފައެވެ. އެގޮތުން ޓެކްސީގައި އަބަދަށް އުފާ މަގުން ދުއްވަނިކޮށް މަތިން ގާބުރިއެއް ވެއްޓި އޭނާގެ ޓެކްސީ ހަލާކު ވެފައިވާކަމަށް ފުލުހުންވެސް ބުނެފައިވާއިރު، މިފަހަރުވެސް އެކަން ކުރީ އޭނާގެ ފިރިމީހާކަމަށް އައިންތު ބުނެއެވެ. އެގޮތުން އައިންތު ބުނީ އޭނާގެ ފިރިމީހާ މީގެ ކުރިންވެސް އެތައް ފަހަރެއްގެމަތިން އިންޒާރު ދީފައިވާ ކަމަށާއި، އެތައް ފަހަރަކު އަނިޔާކޮށް ޓެކްސީއަށްވެސް ގެއްލުންދިން މައްސަލަ ހުށައަޅާފައިވާނެ ކަމަށެވެ.
ދިރިއުޅުމަށް އާމްދަނީ ހޯދާނެ މަގު މިވަގުތަށް ބަންދުވެފައިވާ އައިންތުގެ ސުވާލަކީ މިކަމުގައި އިންސާފު ހޯދުމަށް އެދި އޭނާ ދާންވީ ކޮން ތަނަކަށްތޯއެވެ؟ ފިރިމީހާ އަނިޔާކޮށް ޚަރަދު ނުކުރާ މައްސަލަ ހުށައެޅުމުންވެސް ކޯޓުން ވަރިނުކޮށްދެނީ ކީއްވެތޯއެވެ؟ ނުވަތަ މުދަލަށް ގެއްލުންދީ ގެވެށި އަނިޔާ ކުރަމުންދާއިރު އެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި އެފްސީޕީޑީގެ އިތުރުން ފުލުހުންނަށްވެސް ތަކުރާރުކޮށް ހުށައަޅަމުންދާއިރު އަދިވެސް އޭނާގެ ފިރިމީހާއާއިމެދު ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެތޯއެވެ؟
މިއީ ހައްތަހާވެސް އައިންތު ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެވެ.
އަޅުގަނޑު ވަރަށް ފާޙަގަކުރަން އަޅުގަނޑަށް މިކަމުގައި އެއްވެސް ތަނަކުން އެއްބާރުލުން ނުލިބޭތީ މިހާ ގިނަ ދުވަސް ވެގެންދާއިރު އަޅުގަނޑު ހުށައަޅާފައި ތިބި މައްސަލަތަކުން އެއްވެސް މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތަށް ނުދެކި ފެމިލީ ޕްރޮޓެކެޝަން ފަރާތުންވެސް އަޅުގަނޑަށް އެންމެ ފަހުން ދުވަހު ބަޔާން ހުށައަޅަން ދިއުމުން އަޅުގަނޑާ ދޭތެރޭ ކަންތައް ކުރީ ވަރަށް އިހާނަތިކޮށް، ކީއްވެގެންތޯއޭ އަޅުގަނޑަށް އެހީތެރިކަމެއް ނުލިބެނީ، އަޅުގަނޑަކީ ދެރަ ނިކަމެއްޗެއް ވީމާ އަޅުގަނޑާއި ދޭތެރޭގައި މިކަމުގައި އެއްވެސް މުއައްސަސާއަކުން އެއްބާރުލުން ނުދެނީތޯއޭ، ކިހިނެއްތޯއޭ އަޅުގަނޑު ހަދަންވީ، އަޅުގަނޑުގެ ކުދިންނަށްވެސް އަޅުގަނޑަށްވެސް ނެތް ރައްކާތެރި ކަމެއް މިހާރު،އައިންތު
އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް 16 ދުވަހުގެ ކެމްޕެއިންއެއް ފަށާފައިވާ މި ދަނޑިވަޅުގައި އައިންތު ފަދަ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާއާއި ދެކޮޅަށް ތެދުވުމަކީ މުހިއްމުކަމެއް ނޫންތޯއެވެ؟ ކައިވެނީގެ ތެރޭގައި އަދި އާއިލާ ތެރެއިން އަންހެނުންނަށް ކުރިމަތިވާ މިފަދަ މައްސަލަ ތަކުގައި އިންސާފު ނުލިބޭނަމަ ނުވަތަ އިންސާފު ލިބުން ލަސްވެގެންދާނަމަ މުއައްސަސާތަކުގެ މައްޗަށް މީހުން ކުރާ އިތުބާރު ގެއްލިގެންދާނެއެވެ.
މިވަގުތު އައިންތުއަށް އެ ވަނީ އާމްދަނީ ހޯދާނެ މަގު ބަންދުވެފައެވެ. އަނިޔާއާއި އާއިލީ ގިނަ މައްސަލަތަކެއްގެ ތެރޭގައި ދިރިއުޅުމުގެ ހަނގުރާމައާއި ކުރިމަތިލަމުންދާއިރު، އައިންތު ބޭނުންވަނީ ވީހާވެސް އަވަހަށް އިންސާފު ލިބޭނެ މަގެއް ފެނިގެން ދިއުމެވެ.