ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 17:51
ޒިދާން (ކ) ބޭލް (ވ)
ޒިދާން (ކ) ބޭލް (ވ)
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ބޭލް މުހިންމު: ޒިދާން
ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުން ރެއާލް ވަނީ ބަލިވެފައި
ބޭލް އޭނާގެ އެންމެ މޮޅު ކުޅުން މިރޭ ދައްކާނެ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅޭ މެޗަށް ވޭލްސްގެ ފޯވާޑް ގެރެތު ބޭލް މުހިންމު ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ފަހަކަށް އައިސް ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ ފާޑު ކިޔުން ބޭލް އަށް އަމާޒުވެފައިވާއިރު، ޒިދާން ބުނީ ބޭލް އަކީ ސަޕޯޓަރުންގެ ފާޑު ކިޔުމަށް ބަލާ ކުޅުންތެރިއެއް ނޫން ކަމަށާއި، ބޭލްއަށް މުހިންމީ ނަތީޖާ ނެރުން ކަމަށެވެ.

ނަމަވެސް ސަޕޯޓަރުން ފާޑު ކިޔުމުން ކުޅުންތެރިންނަށް އޭގެ އަސަރު ފޯރާކަން ފާހަގަކުރަމުން ޒިދާން ބުނީ ފާޑު ކިޔުން އަމާޒުވާނަމަ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުންދައްކަން އުނދަގޫވާނެ ކަމަށެވެ.

ޒިދާން އިތުރަށް ބުނީ ބޭލް ރެއާލްގައި މަޑުކުރާނެ ކަމަށާއި އޭނާ ބޭނުންވަނީ ރެއާލްގައި ހުރެ ކާމިޔާބު ހޯދަން ކަމަށެވެ.

ޒިދާން ބުނީ، ރެއާލް އޮތީ ޕީއެސްޖީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ކުޅުންތެރިން ތިބީ މެޗުން މޮޅުވެ ޕީއެސްޖީ ދަނޑުގައި އެޓީމު އަތުންވި ބަލި ހަނދާން ނައްތާލުމަށް ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވެފައިވަނީ 0-3 ގެ ނަތީޖާ އަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "އޭ" ގެ އެއްވަނައިގައި 12 ޕޮއިންޓާއިއެކު ޕީއެސްޖީ އޮތް އިރު، ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ ހަތް ޕޮއިންޓާއިއެކުގައެވެ. އަދި މި ގްރޫޕްގެ ތިންވަނައިގައި ކްލްބް ބާރގްސް ދެ ޕޮއިންޓާއެކު އޮތް އިރު ތާވަލުގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ގަލަތަސަރާއީ އެވެ.

- ކޮމެންޓް