ޑިސެމްބަރު މަހު ނޭޕާލުގައި ފަށާ ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުން ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ އެއްވަރުކޮށްފިއެވެ.
ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ޔޫއޭއީގައި ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ކޭމްޕް ކޮށްފައިވާއިރު އާދީއްތަ ދުވަހުގެރޭ ވަނީ ޔޫއޭއީ އާއި ދެކޮޅަށް މެޗެއް ކުޅެފައެވެ. މި މެޗު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ސައުތް އޭޝިއަން ގޭމްސްގެ އަންހެން ފުޓުބޯޅަ އިވެންޓް ކުރިޔަށްދާނީ ނޭޕާލްގެ ޕޮކާރާ ސިޓީގައެވެ. ޔޫއޭއީގައި ކޭމްޕް ކުރުމަށްފަހު އަންހެން ޓީމުން ދާނީ ނޭޕާލަށެވެ.
އަންހެން ފުޓުބޯޅަ އިވެންޓް ބާއްވާނީ ލީގު އުސޫލުންނެވެ. އެގޮތުން މި އިވެންޓްގައި ބައިވެރިވެފައިވަނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާއެވެ. އަންހެން ފުޓުބޯޅަ އިވެންޓްތައް ކުޅޭނީ ޑިސެމްބަރު ތިން ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު މަހު ނުވަ ވަނަ ދުވަހުއެވެ.
ރާއްޖެއިން މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ނިކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ނޭޕާލާއި ދެކޮޅަށް ނިކުންނައިރު ފަހު މެޗުގައި ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.