ޑިސެމްބަރުމަހު ނޭޕާލުގައި ފަށާ ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް ގައުމީ ބެޑްމިންޓަން ޓީމުން އިންޑިއާ އަށް ފުރައިފިއެވެ.
މި ފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ބެޑްމިންޓަން އިން ވާދަކުރާނީ އަންހެން ބެޑްމިންޓަން ޓީމު އެކަންޏެވެ. ގޭމްސްގައި ވާދަކުރާ އަންހެން ބެޑްމިންޓަން ޓީމުގައި ހިމެނެނީ ހަ ކުޅުންތެރިންނެވެ.
ގައުމީ އަންހެން ބެޑްމިންޓަން ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނަކީ ފާތިމަތު ނަބާހާ އާއި އާއިމިނަތު ނަބީހާ ގެ އިތުރުން ނީލާ ނަޖީބް އާއި މަޝާ ރަޝީދު އަދި އާމިނަތު ޝަހުރުޒާން މުސާ އާއި މައިޝާ ފަތުހުﷲ އެވެ.
ބެޑްމިންޓަން ޓީމުން ސައުތް އޭޝިއަން ގޭމްސްއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ސައުތް އޭޝިއަން ގޭމްސް އަށް އަންހެން ބެޑްމިންޓަން ޓީމް އެކަނި ފޮނުވަން ނިންމީ މި ވަގުތައް ބަލާއިރު މި މުބާރާތުގައި ރަނގަޅު ނަތީޖާ އެއް ނެރެވޭނީ އަންހެން ބެޑްމިންޓަން ޓީމަށް ކަމަށް ފެންނާތީ ކަމަށާއި އަންހެން ބެޑްމިންޓަން ޓީމުގެ ޓާރގެޓްއަކީ މެޑަލްތަކެއް ހޯދުން ކަމަށެވެ.
މި އަހަރު ކުރިޔަށްދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން ވަނީ ގިނަ މެޑަލް ތަކެއް ހޯދައިފައެވެ. އަދި މި އަހަރު ޕާކިސްތާނުގައި ކުރިޔަށްދިޔަ މުބާރާތުން ވެސް ރާއްޖޭގެ އަންހެން ބެޑްމިންޓަން ކުޅުންތެރިން ވަނީ ރަން ވަނަ ތަކެއް ހޯދައިފައެވެ.