ޗައިނާއިން ޕާކިސްތާނުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަކީ އެހީގެ ޕްރޮޖެކްޓްތަކެއް ނޫންކަމަށާއި، އޭގެ ގެއްލުން މުސްތަގުބަލުގައި ޕާކިސްތާނަށް ފެންނާނެކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އޭޝިއާ ސަރަހައްދާއި ބެހޭ އެންމެ އިސްވެރިޔާ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެލިސް ވެލްސް ވިދާޅުވީ ޗައިނާއިން ބޭނުންވާ އެޖެންޑާ ޕާކިސްތާނުގައި ކުރިއަށްގެންދާނަމަ ދުރު މުސްތަޤުބަލުގައި އެކަމުގެ އިޤްތިސާދީ ގެއްލުން ފޯރާނީ ޕާކިސްތާނަށް ކަމަށެވެ.
ޕާކިސްތާނާއި ޗައިނާއާ ދެމެދު ޤާއިމުކުރާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) އަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ އެންމެ މުހިއްމު އެއް ބައެވެ. އަދި މިއީ ޗައިނާއާ ޕާކިސްތާނުގެ ގުޅުން އެންމެ ބޮޑަށް ރަމްޒުކޮށްދޭ ކަންތައް ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓް އިތުރަށް ފުޅާކުރާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އެމެރިކާއިން ވަނީ ސީޕެކްގެ އިތުރުން ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑްގެ އެހެން ޕްރޮޖެކްޓްތަކަކީ ނަން-ކޮންސެޝަނަލް ލޯންތަކެއް ޤައުމުތަކަށް ދީ، ދަރަނިވެރިކުރުވުމުގެ ސިޔާސަތެއްގެ ތެރެއިން ޗައިނާއިން ހިންގާ ޕްރޮޖެކްޓްތަކެއްކަމަށް ބުނެފައެވެ. އަދި ޕްރޮޖެކްތްތައް ހިންގުމަށް މަސައްކަތު މީހުންނާއި، އިމާރާތްކުރުމަށާއި އެހެން ކަންކަމަށް ބޭނުންވާ ސާމާނުތައްވެސް ގެންދަނީ ޗައިނާއިން ކަން ފާހަގަކޮށްފައެވެ. އެހެންކަމުން ޕްރޮޖެކްޓް ހިންގާ ޤައުމުގެ މަސައްކަތުގެ ބާޒާރަށް އެކަމުގެ އަސަރެއް ނުކުރާތަނުގައި، އެގައުމެއްގެ ވިޔަފާރިއަކަށްވެސް އެއިން އެއްވެސް ފައިދާއެއް ނުކުރެއެވެ. އަދި ޕާކިސްތާން ކަހަލަ ވަޒީފާގެ ބާޒާރުގައި ފުރުޞަތު ނެތް ޤައުމުތަކަށް މިއީ ދެރައެއްކަން އެލިސް ވެލްސް ފާހަގަކުރެއްވިއެވެ.
ސީޕެކްގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށްވެސް ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުތެރޭ ފައިސާ ދައްކަން ފަށާއިރު، ޕާކިސްތާނުން ގެންގުޅޭ އިޤްތިސާދީ ސިޔާސަތު ތަންފީޒުކުރުމަށް އެކަމުން ހުރަސްއެޅިގެންދާނެކަމަށް އެމެރިކާއިން ފާހަގަކުރެއެވެ.
ޗައިނާއިން ޕާކިސްތާނުގައި ހިންގާ އެންމެ މައިގަނޑު އެއް މަޝްރޫޢަކީ ސީޕެކްގެ ތެރެއިން ޤައިމުކުރާ ގުވަދާވަރު ބަނދަރެވެ. އަރަބި ކަނޑުގެ އައްސޭރީގައި ހަދާ މި ބަނދަރަނީ ދުނިޔޭގެ ފެންވަރުގެ ބަނދަރަކަށް ހަދާނެކަމަށް ޗައިނާއިން ބުނާއިރު، މި ބަނދަރު ހެދުމުގެ ބޭނުމަކީ ޗައިނާގެ ހުޅަނގުގެ ސަރަހައްދުތަކާއި އަރަބި ކަނޑުގެ އައްސޭރި ގުޅުވާލައި، މެދުއިރުމަތީގެ ތެލުގެ ބާޒާރާއި ގާތްވެލުމެވެ. ޗައިނާއިން އެހެން ޤައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުން އެޤައުމުތަކަށް ފަސޭހަތަކެއް ލިބުނަސް، ލޯނު އެހީގެ ދަށުން ހިންގާ މިހުރިހާ މަޝްރޫޢުތަކަކީ މިގޮތަށް ޗައިނާގެ ކޮންމެވެސް ފަސޭހަކަޔަކަށް ކުރާ ކަންކަމެވެ.