ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު މެޗުން އެއްވަރުވިއިރު، ޓޮޓެންހަމް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް އެއްވަރުވީ ސައުތުހެމްޕްޓަންއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.
އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުތުހެމްޕްޓަންއެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިންގްސްއެވެ.
މި ލަނޑަށްފަހު އާސެނަލް އިން ވަނީ ކުޅުނު ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ސައުތުހެމްޕްޓަނުން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވާޑްއެވެ.
މި ލަނޑާއެކު މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގައި އާސެނަލް ބަލިނުވެ ސަލާމަތްކޮށްދިނީ ލަކަޒޭޓްއެވެ. އޭނާ އަކީ އަބަދުވެސް އާސެނަލްއަށް އެންމެ މުހިންމު ދަނޑިވަޅުގައި ލަނޑު ޖަހާ ކުޅުންތެރިޔާއެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 13 މެޗުން ލިބުނު 18 ޕޮއންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ. މެޗުން ބަލިވި ވެސްޓްހޭމް އޮތީ ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ވެސްޓްހޭމްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.
ވެސްޓްހޭމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމްއެވެ. މި ލަނޑު 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސޮންއެވެ.
މި ލަނޑަށްފަހުވެސް ޓޮޓެންހަމްއިން ދިޔައީ މޮޅަށް ކުޅެމުންނެވެ. އެގޮތުން 43 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ.
ދެވަނަ ހާފް ފެށިގެން ޓޮޓެންހަމްއިން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.
ވެސްޓްހޭމްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ 73 ވަނަ މިނެޓުގައި އެންޓޯނިއޯއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސްޓްހޭމްއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮގްބޮނާއެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 13 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ. މެޗުން ބަލިވި ވެސްޓްހޭމް އޮތީ ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.