އިޓާލިއަން ލީގުގައި އިންޓަ މިލާން އަދި ޔުވެންޓަސްވެސް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ ޓޮރީނޯއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ޓޮރީނޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އިންޓައިންނެވެ. އެގޮތުން 12 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިނޭޒްއެވެ.
މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ އިންޓައިންނެވެ. އެގޮތުން 33 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެވްރިޖްއެވެ.
ދެވަނަ ހާފް ފެށިގެންވެސް އިންޓައިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ބްރޮޒޮކިޗްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.
މި ލަނޑުތަކަށް ފަހުވެސް އިންޓައަށް ވަނީ ލީޑު އިތުރަށް ފުޅާކުރަންވެސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މެޗުގައި ޓޮރީނޯގެ ފަރާތުންވެސް ހަމަލާތަކެއް ފެނުނުއިރު، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު 13 މެޗުން ލިބުނު 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ޓޮރީނޯ އޮތީ ކުޅުނު 13 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ އެޓަލާންޓާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
އެޓަލާންޓާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖެހުމަށް ދެޓީމަށްވެސް ވަނީ ފުރަތަމަ ހާފްގައި ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓަލާންޓާއެވެ. މި ލަނޑު 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންސެންސްއެވެ.
މި ލަނޑާއެކު ޔުވެންޓަސްއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 74 ވަނަ މިނެޓުގައި ޕިޔަނިޗްގެ އެހީތެރިކަމާއެކު ގޮންޒާލޯ ހިގުއެން ކާމިޔާބުކުރި ލަނޑުން ޔުވެންޓަސްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ޔުވެންޓަސްއިން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ކުއަޑާޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ހިގުއެންއެވެ. ޔުވެންޓަސްއިން ލީޑު ފުޅާކުރީ އިތުރުވަގުތުގައެވެ. މި ލަނޑު ހިގުއެންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޕައުލޯ ޑިބާލާއެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ކުޅުނު 13 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެޓަލާންޓާ އޮތީ ކުޅުނު 13 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.