ސިފައިން އޮފިސަރުން، ސިފައިންގެ ރީތިނަން ދަމަހައްޓަން މަސައްކަތްކުރުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މިފަދައިން އިލްތިމާސް ކުރެއްވީ، ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިފައިންގެ އޮފިސަރަކު ކުރާ ކޮންމެ އަމަލެއް ނިސްބަތްވާނީ ސިފައިންގެ އާއިލާއަށް ކަމަށެވެ. އެގޮތުން ސިފައިންގެ އޮފިސަރަކު ގޯސް ނުވަތަ ރަނގަޅު ކަމެއް ކުރިނަމަވެސް އެ ނަން ސިފައިންގެ އާއިލާއަށް ނިސްބަތްވާކަން ފާހަގަކުރައްވާ، މިނިސްޓަރ ވަނީ ހުރިހާ ސިފައިންގެ ބޭފުޅުން ވެސް ސިފައިންގެ ރީތި ނަން ދަމަހައްޓަން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ފައިޓިން ފިޓް ފޯސްއަކަށް ހެއްދެވުމަށް އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރައްވަމުންގެ ގެންދަވާ މަސައްކަތްފުޅު ފާހަގަކުރައްވައި ސިފައިންގެ ވެލްފެއަރ ކަންތައްތައް ރަނގަޅުކުރެއްވުމަށް އިސްކަން ދެއްވަވާ ކަމަށެވެ.
65 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނި ވެފައިވަނީ 143 ދަރިވަރުންނެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ ސިފަވަންތަ އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.