Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 09:34
ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އަދި ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ހާސިލްކޮށްފައި ވަނީ ޕްރައިވެޓް މުޙައްމަދު ނަޒީޙް
65 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނި ވެފައިވަނީ 143 ދަރިވަރުން
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެއް

ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު، ވަނީ ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެއަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އުނގެނުމާއި ތަމްރީނުގެ ތެރޭގައި މިއަދު ދަސްވެނިވި ސިފައިން، ސިފައިންގެ އިތުރު ތަމްރީނުތަކުގައި ޝާމިލުވުމުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށާއި ސިފައިންގެ ޤައުމީ ޒިންމާގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއެކު ދެމިތިބުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

65 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، އަދި ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ހާސިލްކޮށްފައި ވަނީ ޕްރައިވެޓް މުޙައްމަދު ނަޒީޙެވެ. މި ކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް ސަމޫޙު ޢަލީއެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލުކޮށްފައި ވަނީ ޕްރައިވެޓް މުޙައްމަދު ޒައިދާން ރިޔާޒެވެ. އަދި މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހޯދާފައި ވަނީ ޕްރައިވެޓް އައިމިނަތު އާސިޔާއެވެ. މިކޯހުގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ފާތިމަތު ޝަހުމާއެވެ. ކޯހުގެ ޗާލީ ޕްލެޓޫންގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ހުސައިން ނާޒިމެވެ. ޓެންގޯ ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ދާއިން އަދި ގޮލްފް ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އައްޒާމް ޢަބްދުއްރަޙްމާން ހޮވިފައިވާއިރު މައިކް ޕްލެޓޫންގެ އެއްވަނަ ދަރިވަކަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހީމް އަޒްހާނެވެ. މުޅި ކޯހުން އެންމެ މޮޅު ޕްލެޓޫނަކަށް ހޮވިފައިވަނީ ޓެންގޯ ޕްލެޓޫނެވެ.

Advertisement

ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް އިބްރާހީމް އަޝްރަފެވެ. މިރަސްމިއްޔާތު ނިމިގެން ދިޔައީ ސިފައިންގެ ލަވަ އާއި ޤައުމީ ސަލާމަށްފަހު 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގާދިޔުމުންނެވެ.

65 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނި ވެފައިވަނީ 143 ދަރިވަރުންނެވެ. އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ ސިފަވަންތަ އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.

ކޯހުގައި ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި އަސްކަރީ ތާރީޚް، ސިފައިންގެ ޤަވާއިދު، ސިފައިންގެ ކޯޑް އޮފް އެތިކްސް، ސިފައިންގެ ވެލިއުސް އެންޑް ކަސްޓަމްސް، ހެވިކަން، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ފީލްޑް ކްރާފްޓް އެންޑް ޓެކްޓިކްސް، އާންމު ޤާނޫނުތަކުގެ ތެރެއިން ބައެއް މުހިންމު ބައިތަކުގެ އިތުރުން ކުލޯސް ކޮމްބެޓްއާއި ޕަބްލިކް އޯޑަރ ޓްރޭނިންގ ވެސް ހިމެނެވެ.

65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް