ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ އަންހެން ކްރިކެޓް ޓީމުގެ ކޯޗު ޕަދުމާ ކަރުނަރަތުނާ ރާއްޖެ އައިސްފިއެވެ.
ޕަދުމާ އަކީ ލަންކާގެ ކުރީގެ ކްރިކެޓް ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. މީގެ އިތުރުން ޕަދުމާ ވަނީ ލަންކާގެ އަންހެން ކްރިކެޓްގެ އެއްވަނަ ޑިވިޒަން ކްލަބެއް ކަމުގައިވާ ކޮލަމްބޯ ކްރިކެޓް ކްލަބަށް ކޯޗުކަން ކޮށްދީފައެވެ.
ހޮނިހިރު ދުވަހު ހެނދުނު ޕަދުމާ ރާއްޖެ އައިސްފައިވާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޕަދުމާ އަށް މަރުހަބާ ކިޔައިފައިވަނީ ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްގެ މެމްބަރުންނެވެ. އަދި 13 ވަނަ ސައުތް އޭޝިއަން ގޭމްސް އަށް ދިޔުމަށް ހަމަޖެހިފައިވާ އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުންނާނީ ވެސް ޕަދުމާ ކަމަށް ކްރިކެޓް ބޯރޑުން ބުނެއެވެ.
ކްރިކެޓް ބޯރޑުން ބުނީ ރާއްޖޭގެ އަންހެން ކްރިކެޓް ކުރިއެރުވުމަށް ޕަދުމާ ގެ ސަބަބުން އިތުރަށް މަގު ފަހިވެގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ ކްރިކެޓް ހަޔާތުގައި ފާހަގަ ކޮށްލަން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި ކްރިކެޓް ބޯޑުން ސިފަކުރެއެވެ.
ރާއްޖޭގައި އަންހެން ކްރިކެޓް ކުޅުންތެރިން ތަމްރީނުކުރުމަށް ކްރިކެޓް ބޯރޑުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކްރިކެޓް ބޯރޑުން ބުނީ މިއީ އަންހެން ކްރިކެޓް ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި ޕްރޮފެޝަނަލް ކޯޗަކާއި އެކު ޓްރެއިން ކުރުމަށް އަންހެން ކުޅުންތެރިންނަށް ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.