ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ދަށުން ޑިފެންސް މިނިސްޓްރީގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން އިޢުލާން ކުރައްވާ، އަންގާރަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސުން ބުނީ، ޑިފެންސް މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ. ފިނޭންސުން ބުނީ އިންޑިއާގެ ހިލޭ އެހީއާއެކު އިމާރާތްކުރާ ޑިފެންސް މިނިސްޓްރީ އިމާރާތްކުރުމަށް، އެކަމަށް ޝަރުތު ހަމަވާ ރާއްޖެއާއި އިންޑިއާގެ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓްގާޑް ހިންގަމުންދާ އިމާރާތް ތަޅާލުމަށްފަހު، އެތަނުގައި ޑިފެންސް މިނިސްޓްރީގެ އައު އިމާރަތް ބިނާ ކުރަން ހަމަޖެހިފައިވާކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ އާއިމާރާތުގެ ބީލަމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗްމަހުގެ 30 ވަނަ ދުވަހުއެވެ. މިބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓަރީގެ GC01 ގެ ގްރޭޑް 1 އަދި ގްރޭޑް 2އަށް ޝަރުތު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށް ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
ޑިފެންސް މިނިސްޓްރީގެ އާއިމާރާތު މަޝްރޫޢަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 355,000.00ދިވެހި ރުފިޔާ (ތިންލައްކަ ފަންސާސްފަސްހާސް ރުފިޔާ) ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ޔޫ.އެސް ޑޮލަރއިން ހުށައަޅަންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
18 ޑިސެންބަރު 2019 ވާ ބުދަ ދުވަހު މި މަޝްރޫޢުގެ ބީލަން ހުޅުވަން ނިންމާފައިވާއިރު، މިކަން ކުރިޔަށް ދާނީ އެދުވަހު ހެދުނު 11:00 ޖަހާއިރު މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.