އެލްއޭ ގެލެކްސީއަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް އޭސީ މިލާނަށް ބަދަލުވުމާމެދު ގޮތެއް ނިންމަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިޓަލީގެ ނޫސްތަކުން ބުނީ، އިބްރަހިމޮވިޗް ހޯދަން އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބުން ބޭނުންވަނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އިބްރަހަމޮވިޗްގެ ސޮއި ހޯދަން ކަމަށެވެ.
ދާދި ފަހުން އެލްއޭ ގެލެކްސީ ދޫކޮށްލި އިބްރަހިމޮވިޗް ހޯދަން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭސީ މިލާންގެ އިތުރުން އިޓަލީގެ އެހެން ކްލަބްތައްވެސް ހިމެނޭއިރު، ޕްރިމިއާ ލީގު ކްލަބްތަކުންވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ދާދި ފަހުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިބްރަހަމޮވިޗް ބުނީ މިވަގުތު އޭނާ އަކީ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން މުޅި ދުނިޔެއަށް އަންގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސްވިޑަންގެ މަލްމޯ އިން 1999 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 37 އަހަރު އިބްރަހަމޮވިޗް ކުޅުން ހުއްޓާލާނެ ދުވަހެއް ނޭގޭ އިރު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އޭސީ މިލާންވެސް ހިމެނެއެވެ.
ޔުވެންޓަސް، އިންޓަ މިލާން، ބާސެލޯނާ، އޭސީ މިލާން، ޕީއެސްޖީ އަދި ޔުނައިޓެޑަށް ވެސް ކުޅެފައިވާ އިބްރަހަމޮވިޗް ވަނީ މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީ އަށް މިހާތަނަށް ކުޅުނު 53 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ.
ސްވިޑަންގެ މޮޅު އެތުލީޓުގެ މަޤާމު ހަތަރު ފަހަރު ހޯދާފައިވާ އިބްރަހަމޮވިޗް ވަނީ އޭނާ ކުޅުނު ކްލަބްތަކަށް ގިނަ ކާމިޔާބީތައް ހޯދައިދިނުމުގެ އިތުރުން އަމިއްލަ ގިނަ އެވޯޑުތައްވެސް ހާސިލުކޮށްފައެވެ.