ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ހޯދި ތިން ރަން މެޑައްޔާއެކު، އެންމެ ކާމިޔާބު ކުޅުންތެރިޔަކަށް ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ވެއްޖެއެވެ.
ނަބާހާ ވަނީ މި މުބާރާތުގައި އޭނާ ވާދަކުރި ތިން އިވެންޓު ކަމަށްވާ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ތަށި އުފުލާލައިފައެވެ.
އަންހެން ސިންގަލްސްގެ ބައިން ނަބާހާ މޮޅުވީ ނީލާ ނަޖީބު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަބާހާ ގެންދިޔައީ 21-14، އަދި 21-14 އިންނެވެ. އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ ނަބީހާގެ ޕެއަރ ވަނީ އެ އިވެންޓްގެ ތަށި އުފުލައިލައިފައެވެ. އަންހެން ޑަބަލްސް އިވެންޓުގެ ތަށި ނަބާހާ އަދި ނަބީހާގެ ޕެއަރއިން ކާމިޔާބުކުރީ ފައިނަލުގައި މާޝާ ރަޝީދާއި އައިމިނަތު އަލީގެ ޕެއަރ ބަލިކުރުމަށްފަހު އެވެ. ނަބީހާ އަދި ނަބާހާގެ ޕެއަރ އިން ވަނީ މިއަހަރު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓް ވެސް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ޒަޔާން އާއި ނަބާހާގެ ޕެއަރއިން ކާމިޔާބު ކޮށްފައިވަނީ ފައިނަލުގައި ނިބާލާއި މައިސާ ފަތުހުﷲގެ ޕެއަރ ބަލިކުރުމަށްފަހު އެވެ.
މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ތަށި ޒަޔާން ޒަކީ ކުރީ ފައިނަލުގައި ޒުވާން ކުޅުންތެރިޔާ ނިބާލް އަހްމަދު 2-1 ސެޓުން ބަލި ކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ސެޓު ނިބާލް ކާމިޔާބުކުރި އިރު، މި ސެޓު ނިބާލް ކާމިޔާބުކުރީ 16-21 އިންނެވެ. ނަމަވެސް ޒަޔާން ވަނީ ފަހަތުން އަރައި ޖެހިގެން އައި ދެ ސެޓު 21-13 އަދި 21-10 އަކުން ކާމިޔާބުކޮށްފައެވެ.
ގައުމީ ޗެމްޕިއަންކަން ނުވަވަނަ ފަހަރަށް ހޯދި މުހައްމަދު އަޖުފާން އަނިޔާގެ ސަބަބުން މި މުބާރާތުގައި ކުޅެފައެއް ނުވެއެވެ.