މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކަޑަމީ ނައިޓް 2019 ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ޓާރފް ދަނޑުގައި ބޭއްވި މި ހަފްލާ 2019 ވަނަ އަހަރު މާޒިޔާ ފުޓުބޯޅަ އެކަޑަމީން ހޯދާފައިވާ ކާމިޔާބީ އާއި މި އަހަރަށް އެ އެކަޑަމީގެ ހަރަކާތްތައް ނިންމާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
މާޒިޔާ އިން ވަނީ މި އަހަރު 12 އަހަރުން ދަށުގެ ޔޫތު ލީގު، 14 އަހަރުން ދަށުގެ ޔޫތު ލީގު އަދި އިންޑިއާގައި ބޭއްވި 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި މުބާރާތް ކާމިޔާބުކޮށްފައެވެ.
މި ހަފްލާ ވަނީ މާޒިޔާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނާއި، 14 އަހަރުން ދަށުގެ ކުޅުންތެރިން ހޯދި ކާމިޔާބީއާ ގުޅިގެން އެ ކުޅުންތެރިންނާއި، ޓީމުގެ އޮފިޝަލުންގެ އަގުވަޒަން ކޮށްފައެވެ.
މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ބައިވެރިވެވަޑައިގެންނެވި އިރު، މާޒިޔާގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި، އެ ކްލަބުގެ ސްޕޮންސަރުންނާއި، އެ ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިންނާއި، އެ ކްލަބުގެ އެކަޑަމީގެ ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނާއި، އެ ކްލަބްގެ ސީނިއަރ ޓީމު ކުޅުންތެރިންނާއި، ފުރަތަމަ ޑިވިޝަންގެ ކޯޗުން އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓްވެސް ބައިވެރިވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން މާޒިޔާގެ ވަހީދު ވިދާޅުވީ، މާޒިޔާގެ އެކަޑަމީ 2015 ވަނަ އަހަރު އުފެއްދީ، އެކަޑަމީން މިހާރު ދެކޭ ކުޅުންތެރިން ރާއްޖެއިން ހޯދުމަށް ކަމަށާއި، ކުރާ އުންމީދަކީ އެ ކުދިން ގައުމީ ޓީމުން ޖާގަ ހޯދައި، ރަންވަނަތަކެއް ހޯދައިދިނުން ކަމަށެވެ.
ހަފްލާގެ ޝަރަފުވެރި މެހެމާނު ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، މާޒިޔާ އިން ހޯދި ކާމިޔާބީން ދޭހަވަނީ އެފްއޭއެމްއާ ގުޅިގެން ޒުވާން ޖީލުތަކެއް ބިނާކުރާ މަސައްކަތް ކާމިޔާބުކަމާއެކު ކުރިޔަށްދާތަން ކަމަށާއި، އެކަމަށް މާޒިޔާގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.
ބައްސާމް ވިދާޅުވީ، މާޒިޔާއަކީ ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އެންމެ ހަރުދަނާކޮށް ކުޅުންތެރިންގެ ކަންތައްތައް ބަލަހައްޓާ، ކުޅުންތެރިން ޑިވެލޮޕްކުރާ އަދި އެންމެ ހަރުދަނާކޮށް މެނޭޖްކުރަމުން އަންނަ ކްލަބް ކަމަށެވެ.
މާޒިޔާ 1996 ވަނަ އަހަރު އުފެދުނުއިރު، އެ ކްލަބުން އަންނަނީ ފުޓުބޯޅަ، ބައިބަލާ، ބާސްކެޓް، ވޮލީ އަދި މިނޫން ކުޅިވަރުތަކުގައިވެސް ބައިވެރިވަމުންނެވެ. އަދި އެ ކްލަބުން ވަނީ ފާއިތުވެދިޔަ ތަނުގައި އެކި ކުޅިވަރުތަކުން ކާމިޔާބީތައްވެސް ހޯދާފައެވެ.