ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗުގައި ބްރެޒިލުން ފަސޭހަ ކަމާއި އެކު ސައުތް ކޮރެއާ ބަލިކޮށްފިއެވެ.
ބްރެޒިލްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ބްރެޒިލްގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ބްރެޒިލުން ވަނީ ފުލުފުލުގައި ކޮރެއާގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. މެޗުގެ 9 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް އެވެ.
ލަނޑަށްފަހު ވެސް ބްރެޒިލް އިން ވަނީ ކޮރެއާގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފިލީޕޭ ކުޓީނިއޯއެވެ. ކުޓީނިއޯގެ ލަނޑަށްފަހު ކޮރެއާއިން އެޓީމުގެ ކުޅުން ރަނގަޅު ކޮށްފައިވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ކޮރެއާއިން ދިޔައީ ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ކޮރެއާގެ ސޮން އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑެނިއެލޯއެވެ.