ސްޕެއިންގެ ކޯޗުކަމުން ރޮބަޓް މޮރޭނޯ ވަކިކޮށް، އެ މަގާމަށް ލުއިސް އެންރީކޭ ހަމަޖައްސައިފިއެވެ.
ޔޫރޯ ކޮލިފައިންގައި ރޫމޭނިއާ އަތުން 0-5 ގެ ނަތީޖާއިން ސްޕެއިން މޮޅުވި މެޗުގެ ކުރިން މޮރޭނޯ ވަކިކުރާކަން އޭނާއަށް ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ހިއްސާކޮށްފައެވެ. އަދި މެޗަށްފަހު އެކަން ކުޅުންތެރިންނާ މޮރޭނޯ ހިއްސާ ކުރިއެވެ.
ސްޕެއިން ޓީމާ އެންރީކޭ ހަވާލުވާކަން އިއުލާން ކުރުމަށް އަންގާރަ ދުވަހު ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ސްޕެއިންގެ ކޯޗުކަމަށް މޮރޭނޯ ހަމަޖެއްސީ މި އަހަރުގެ މާޗު މަހު އަމިއްލަ ސަބަބުތަކާ ގުޅިގެން ކޯޗުކަމުން އެންރީކޭ ދުރަށް ދިޔުމުންނެވެ. މޮރޭނޯ އޭރު މަސައްކަތްކުރީ އެންރީގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. އެންރީކޭ ސްޕެއިންގެ ކޯޗުކަމާ ދުރަށް ދިޔައީ އޭނާގެ ދަރިފުޅުގެ ސިއްހީ ހާލަތާ ގުޅިގެންނެވެ. އެގޮތުން ދަރިފުޅަށް ވަގުތު ދިނުމަށް އޭނާ ވަނީ ޖޫން މަހު ސްޕެއިންގެ ކޯޗުކަމުން އިސްތިއުފާވެސް ދީފައެވެ.
ނަމަވެސް އެންރީކޭގެ ދަރިފުޅު މަރުވުމުން، ސްޕެއިންގެ ކޯޗުކަމާ އެންރީކޭ ހަވާލުވާން ބޭނުންނަމަ މަގާމު ދޫކޮށްލާނެކަމަށް މޮރޭނޯ އޭރު ވަނީ ބުނެފައެވެ. ސްޕެއިންގެ ކޯޗަކަށް އެންރީކޭ ހަމަޖެއްސިއިރު، އެސިސްޓެންޓަކަށް މޮރޭނޯ ހަމަޖައްސާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކުއްލި ގޮތަކަށް މަގާމުން މޮރޭނޯ ވަކިކުރުމާއެކު އޭނާ ހުރީ އެކަމާ މާޔޫސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޮރޭނޯ ސްޕެއިންގެ ކޯޗުކަމަށް ހަމަޖެއްސީ އަންނަ އަހަރު އޮންނަ ޔޫރޯގެ ނިޔަލަށެވެ. އަދި އޭނާއާއެކު ސްޕެއިން ޓީމު ހޯދަމުން އަންނަ ނަތީޖާތަކާ މެދު ސްޕެއިން ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ވަނީ ދާދި ފަހުން ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޔޫރޯގައި ހޯދާ ނަތީޖާތައް ރަނގަޅުވެއްޖެނަމަ، އޭނާއަށް ދާއިމީ އެއްބަސްވުމެއް ހުށަހަޅާނެ ކަމަށްވެސް ލުއިސް ރުބިއަލެސް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ސްޕެއިންގެ ކޯޗު ތިން ފަހަރެއްގެ މަތިން ވަނީ ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނަށް ވަނީ އަމާޒުވެފައެވެ.