ވޯލްޑް ކަޕް ކޮލިފައިންގައި އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުން ރާއްޖެއިން ގުއާމް ބަލިކޮށްފިއެވެ.
އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ގުއާމްއާ ވާދަކޮށް ރާއްޖެއިން ވަނީ 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ރާއްޖެއިންނެވެ. އެގޮތުން ގުއާމްގެ ހާފަށް ބާރުބޮޑުކޮށް ރާއްޖެއިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ރާއްޖެއިންނެވެ. މި ލަނޑު 23 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ ސަމޫހް އަލީ (ސަމުއްޓެ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރަކުން ބޮލުންނެވެ.
މި ލަނޑާއެކު ރާއްޖެއިން ވަނީ އެޓޭކްތައް ވަރުގަދަކޮށް ގުއާމްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން 37 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ގުއާމްގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ގުއާމްގެ މައްޗަށް ރާއްޖެ ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފް ފެށިގެން ގުއާމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 49 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑާއެކު ރާއްޖެއިން އެޓޭކްތައް ވަރުގަދަކުރިއެވެ.
އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ރާއްޖެއިން ވަނީ ތަނަވަސްކޮށްފައެވެ. ރާއްޖެއިން ތިންވަނަ ލަނޑު ކާމިޔާބުކުރީ އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކުރީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.