ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 19:57
މަރާލައިފައިވާ ކިމް ޖޮން ނަމް
މަރާލައިފައިވާ ކިމް ޖޮން ނަމް
އޭއެފްޕީ
ނަމް މަރާލުން
މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ
މަރުވީ ކިމް ޖޮން ނަމް ކަން ކަަށަވަރު ކުރީ އޭނާގެ ދަރިފުޅުގެ ގައިން ނެގި ޑީއެންއޭ ސާމްޕަލްތަކުގެ އެހީގައި

މިދިޔަ މަހު މެލޭޝިއާގެ އެއާޕޯޓެއްގައި ދެެއަންހެނުން ވެގެން މަރާލީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހްމަދު ޒާހިދު ހަމީދީ މިހެން ވިދާޅުވިއިރު މިދިޔަ ހުކުރު ދުވަހު މެލޭޝިއާ ފުލުހުން ވަނީ މަރާލީ ކިމް ޖޮން ނަމް ކަން ކަށަވަރު ކަމަށް ބުނެފައެވެ. މިދިޔަ ހުކުރު ދުވަހު މެލޭޝިއާ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ހާލިދް އަބޫ ބަކުރު ވިދާޅުވީ، "މިހާރު ގާނޫނީ ގޮތުން، އެއީ ކިމް ޖޮން ނަމް ކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މެލޭޝިއާ ފުލުހުން ކޮށް ނިންމާފައިވާ ކަމަށެވެ." 

މި ހަފްތާ ބުދަދުވަހު މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހްމަދު ޒާހިދު ހަމިދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަރުވީ ކިމް ޖޮން ނަމް ކަން ކަަށަވަރު ކުރީ އޭނާގެ ދަރިފުޅުގެ ގައިން ނެގި ޑީއެންއޭ ސާމްޕަލްތަކުގެ އެހީގައި ކަމަށެވެ. ކިމް ޖޮން ނަމްގެ ދަރިފުޅުގެ ގައިން ޑީއެންއޭ ސާމްޕަލް ނެގީ ކޮންއިރަކު ނުވަތަ ކޮންތަނެއްގައި ކަން ހާމަކޮށްފައި ނުވެއެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ.

- ކޮމެންޓް