ރެއާލް މެޑްރިޑުން އެ ކްލަބަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލްއާއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، އޭނާގެ އެއްބަސްވުން އާކުރަން އެ ކްލަބުން އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.
މޮޑްރިޗް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އިންޓަރ މިލާންއެވެ. އެ ކްލަބުން ވަނީ މިދިޔަ ޓްރާންސްފަރގައިވެސް އޭނާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި މޮޑްރިޗް ރެއާލް ދޫކޮށްލުމަކީ ކައިރި ކަމެކެވެ. ނަމަވެސް އޭނާ ބަދަލުވާނީ ކޮން ކްލަބަކަށް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮޑްރިޗް ބުނީ، ރެއާލްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި، އޭނާ ކްލަބުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.
ރަޝިއާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މޮޑްރިޗް ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ރެއާލްއާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ޓޮޓެންހަމް ހޮޓްސްޕަރއިން ވިދާލި މޮޑްރިޗް ރެއާލްއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 312 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ. ކްރޮއޭޝިއާގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ފާއިތުވެދިޔަ ދެއަހަރުވެސް ހޯދާފައިވާ މޮޑްރިޗް ވަނީ އެ ޓީމަށް ކުޅުނު 127 މެޗުގައި 16 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައެވެ.