ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ އަދި ގުއާމް އަންގާރަ ދުވަހު ބައްދަލުކުރާ މެޗަށް ގުއާމުން ނިކުންނާނީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މޮޅު ހޯދަން ކަމަށް ގުއާމްގެ ކޯޗު ކާލް ޑޮޑް ބުނެފިއެވެ.
ކާލް ޑޮޑް ބުނީ މި މެޗަށް ގުއާމް ނިކުންނައިރު ޓީމު އޮތީ އިތުބާރާއި އެކުގައި ކަމަށާއި ކުރިން ކުޅުނު މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ތަކުރާރު ނުވާނެ ކަމަށެވެ. މެޗަށް ނިކުންނައިރު ރާއްޖެ ޓީމުގެ ފެންވަރު އިނގޭކަން ފާހަގަ ކުރަމުން ކާލް ބުނީ ރާއްޖެ ޓީމުގެ އެޓޭކް ލައިން ވަރުގަދަ ކަމަށާއި އެކަން ހުއްޓުވަން އޭނާގެ ޓީމަށް އިނގޭނެ ކަމަށެވެ. އަދި އޭނާގެ ކުޅުންތެރިން އެކަން ދައްކާނެ ކަމަށެވެ.
ފިލިޕީންސް އާއި ޗައިނާގެ މެޗުގައި އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި ކޮންމެ މެޗަކުން ބަލިވަނީ ހެދޭ ފަސޭހަ ކުށްތަކެއްގެ ސަބަބުން ކަމަށްވެސް ކާލް ބުންޏެވެ.
ލިފައިންގައި ރާއްޖެ ހިމެނެނީ ގުއާމް އާއި ޗައިނާގެ އިތުރުން ސީރިއާ އާއި ފިލިޕިންސްއާއެކު އެއް ގްރޫޕެއްގައެވެ.
ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. އަދި ފިލިޕީންސް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.