ދަތުރުވެރިންގެ މާރުކޭޓު މާލެ ސިޓީ ކައުންސިލުން އޮގަސްޓް 31 ވަނަ ދުވަހު ބަންދުކޮށްފައިވަނީ މަރާމާތަށް ކަމަށް ބުނެއެވެ. އަދި މަރާމަތަށްފަހު ގިނަވެގެން އެއް މަސްދުވަހުގެ ތެރޭގައި މާރުކޭޓު ހުޅުވާނެ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ. އަލުން މާރުކޭޓު ހުޅުވާއިރު 176 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް އޭރު ސިޓީ ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް މިހާރު މި ވަނީ މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ މެދުގައި ހިޔާލު ތަފާތުވެ މާރުކޭޓު ގޮޅިތައް ކަނޑަނޭޅި ކައުންސިލަރުންގެ މެދުގައި ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ. ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ކައުންސިލަރުންނަށް ގޮޅިތަކުގެ އަދަދެއް ކަނޑައެއް ނޭޅެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެކި ފަހަރު މަތިން ކައުންސިލް ބައްދަލުވުންތައް ބާއްވައިގެން ވެސް މާރުކޭޓުގެ އަދަދު ކަނޑައެޅޭ ގޮތް ނުވި ކަމަށެވެ. އެކަމުގައި ކައުންސިލަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން އުސޫލު އަވަހަށް ކަނޑައަޅަން ބޭނުންވާ ކަމަށާއި އެކި ފަހަރު ބައްދަލުވުން ތަވާލު ކުރެއްވި ކަމަށް ޝިފާ ވިދާޅުވިއެވެ. ބައެއް ބައްދަލުވުންތަކުގައި 117 ގޮޅި ކަނޑައެޅުމަށް ވާހަކަ ދައްކާފައިވާ ކަމަށާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވެސް ގޮޅިތައް ހުރި ވަރަށް ބަހައްޓައިދިނުމަށް އެދިފައިވާ ކަން ޝިފާ ފާހަގަކުރެއްވިއެވެ.
ޝިފާ ވަނީ ލޯކަލް މާރުކޭޓު އަލުން ހުޅުވާއިރު ހުންނަ ޖެހޭ ގޮތާއި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުއްވާފައެވެ. މި ބައްދަލުވުމުގައި ގިނަ ރައްޔިތުން އެދުނީ ބިދޭސީން ގޮޅިތަކުގައި ނުބޭއްތިއްވުމަށެވެ. އަނެއްބައި ރައްޔިތުން ބުނެފައިވަނީ މާރުކޭޓު ގޮޅިތައް ދޭއިރު އިންސާފުވެރިކަމާއެކު އެކަން ކުރުމަށް އެދޭ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވި އަންހެން ކަނބަލަކު ބުނެފައިވަނީ ފިރިހެނުންނަށް މާރުކޭޓު ގޮޅިތައް ދޫކުރާ އުސޫލުން އަންހެނުންނަށް ވެސް ހަމަހަމަ ކަމާއެކު ގޮޅި ދޫކުރުމަށް އެދޭ ކަމަށާއި އެ ކަމުގައި އެއްވެސް ފަރާތަކުން ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
ކައުންސިލަރުންގެ މެދުގައި ގޮޅިތައް ކަނޑައެޅުމުގައި ބޮޑު ތަނުން ހިޔާލު ތަފާތުވެފައިވާއިރު ކައުންސިލްގެ ފަރާތުން ބުނެފައިވަނީ ކުރިއަތް އޮތް ދޭއް ނޫނީ ހަތަރު އަހަރުގެ ތެރޭގައި ފަސް ބުރީގެ މާރުކޭޓެއް ޤާއިމުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މާރުކޭޓު ސިދާ އަލުން ހުޅުވާނެ ތާރީހެއް ކައުންސިލުން އިއުލާންކޮށްފައިނުވާއިރު މާލެސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ ހަފްތާއެއްގެ ތެރޭގައި މާރުކޭޓު ހުޅުވިގެންދާނެ ކަމަށެވެ.
މާރުކޭޓު ބަންދުކުރުމާއި ގުޅިގެން މިކަމުގެ އުނދަގޫ މާރުކޭޓުގައި ވިޔަފާރި ހިންގަމުން ދިޔަ ފަރާތްތަކާއި ރައްޔިތުންނަށްވެސް ވަނީ ފޯރާފައެވެ. އުންމީދަކީ ކައުންސިލަރުންގެ މެދުގައި މި އޮތް ހިޔާލު ތަފާތުވުންތައް ހައްލުކޮށް، އެންމެން އެއްގަލަކަށް އަރާ، ރައްޔިތުންގެ ހައްޤުގައި މަސައްކަތްކޮށް، މިކަމަށް އަވަސް ހައްލެއް ގެނައުމެވެ. ކަންކަމުގައި ދުރާލާ ރޭވުމުގެ މަގުސަދަކީވެސް، މިކަހަލަ ފުށު އެރުންތަކުން އެއްކިބާވުމެވެ. ގައިމު އޭރު އެއްބަސް ވެވުނު ގޮތަށް އެ މާރުކޭޓު ހުޅުވިނަމަ މި ހުރިހާ ވަގުތުތަކެއް ބޭކާރު ނުވީސްކަން ގައިމެވެ.