ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި ހެލްތު މިނިސްޓްރީއަށް ދިމާވި އެންމެބޮޑު އެއް ގޮންޖެހުމަކީ ކުރީ ސަރުކާރުތަކުން އަތޮޅު ތެރޭގެ ސިއްހީ ކަންކަމާއި އަޅާނުލާ ދޫކޮށްލާފައި އޮތް އޮތުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބާގައި ރާއްޖެ ޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހުނީ އަތޮޅު ތެރޭގެ ހާލަތު ދެނެގަތުން ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ސިއްހީ ކަންކަމާއި، ހިންގުމާއި، ތަރައްގީއާއި ވަސީލަތް ހަމަކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ވިސްނިފައި އޮތް އޮތުމާއި ހިލާފަށް އަތޮޅުތެރޭގެ ކަންކަން ރަނގަޅުކުރުމަށް ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި މި މަސައްކަތަކީ ބުރަ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށާއި، އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ތަރުތީބު ކުރެވިފައިވަނީ ސަރަހައްދުތަކަށް ބެހި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ދެވޭ ގޮތަށް ކަމަށެވެ. ނަމަވެސް ގޮންޖެހުމަކަށްވީ ކުދި ކުދި ކަންތައްތަކުގައި ވެސް މާލެއަށް ސިއްހީ ހިދުމަތް ހޯދަން އަންނަން ޖެހޭ ޖެހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެން ވަރަށްބޮޑަށް އަމާޒު ހިފީ ފުރަތަމަ ސަރަހައްދީ ހޮސްޕިޓަލްތައް، އަތޮޅު ހޮސްޕިޓަލްތައް އަދި އެހެނިހެން ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުން އެ ސަރަހައްދެއްގެ ރައްޔިތުންނަށް އެތަނަކުން ހިދުމަތް ދެވޭނެ ގޮތް ހެދުން. އެގޮތުން ވަސީލަތް ހަމަކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ދީގެން ކުރަން ޖެހުނު ކަމެއް. ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކުރުމަކީ ވެސް ކުރަން ޖެހުނު ކަމެއް. އަދި ތަންތަނުގެ އުމްރާނީ ބަދަލުތަކެއް ގެނައުމަށް ކުރަންޖެހުނު މަސައްކަތަކީ ވެސް ވަރަށް ބޮޑު މަސައްކަތެއް،ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގެ ވިސްނުން ބައްޓަން ކުރަން މަސައްކަތްތަކެއް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރަން ޖެހުނު ކަމަށެވެ. އެގޮތުން އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކަކީ ވެސް މުހިންމު މަސައްކަތްތަކެއް ކަމަށާއި، އަހަރުގެ ފަހުކޮޅާ ހަމައަށް ދިއުމުން މަސައްކަތް ކުރެއްވީ އާންމު ސިއްހަތާ ދިމާލަށް މިސްރާބުޖަހާ އެ މަސައްކަތް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖުމްލަކޮށް ދަންނަވާނަމަ މިއީ އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް. އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވުނު،ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ ސަރުކާރަށް އަހަރުވެގެން ދިޔައިރު މިނިސްޓްރީއަށް ހާސިލްކުރެވުނު އެންމެ ބޮޑު ކަމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސިއްހީ ހިދުމަތް މަތީ ފެންވަރަކަށް ގެންދިއުމަށް ކުރެވުނު މަސައްކަތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން ވަނީ މިއަހަރުގެ ތެރޭގައި ބޮޑު 17 ކަމެއް ހާސިލްކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާޑިއެކްގެ ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުމާއި، މޯބައިލް ލެބޯޓަރީގެ ހިދުމަތުގެ އިތުރުން ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމަށް ކުރެވެން ފެށި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެވެ.