ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 16:46
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އެން1އެން1 ވައިރަސް
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
އައިޖީއެމްއެޗުގައި ދަނީ މާބަނޑު މީހުުންނަށް އިންފްލުއެންޒާ ވެކްސިން ދެމުން
އެޗްވަންއެންވަން ފްލޫ 82 މީހެއްގެ ހަށިގަނޑުން ފެނިފައި ވޭ

އެޗް1އެން1 ވައިރަސް ރާއްޖޭގައި ފެތުރެމުންދާ އިރު މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. މި ބައްޔަކީ ފަސޭހަ ކަމާ އެކު ގައިން ގަޔަށް އަރާ ބައްޔަކަށްވާ އިރު ބަލިން ސަލާމަތްވުމަށްޓަކާ އާއްމު ސާފުތާހިރު ކަމަކީ މުހިއްމު ކަމެކެވެ. މިބައްޔަކީ އެހެން ދުވަސްވަރުތަކުގައި ވެސް އުޅޭ ފްލޫ ފަދަ ރޯގާއެއް ނަމަވެސް މިބަލި ވަކި ބަޔަކަށް ޖެހުމުން ބަލީގައި އަސަރުކުރާ މިންވަރު ބޮޑުވެ އެވެ.

މިގޮތުން މިހާރު ރައްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އެޗްވަންއެންވަން ޖެހިފައިވާ މާބަނޑު މީހެއްގެ ހާލުދެރަވުމާ ގުޅިގެން އެންމެ ފަސް މަހުގައި ދަރިފުޅު ވެސް ވަނީ ނަގާފަ އެވެ. އާއްމުކޮށް މިފެތުރޭ ރޯގާތަކުގައި ވެސް އާދައިގެ މީހާށް ޖެހުމުން ކުރާ އަސަރާއި މާބަނޑު މީހުންނަށް ޖެހުމުން ކުރާ އަސަރުތަކުގެ މިންވަރު ތަފާތު ވެގެންދެ އެވެ. އަދި ބައެއް ކަހަލަ ވައިރަސްތަކުން ޖެހޭ ބަލިތަކަކީ މާބަނޑު ދުވަސްވަރު ޖެހިއްޖެ ނަމަ އޭގެ އަސަރު މާބޮޑަށް ކުރާނެ ބަލިތައް ކަމަށް ސިއްހީ މާހިރުން ލަފާދެ އެވެ.

އެމެރިކާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން އެޗްވަންއެންވަން ޖެހުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ މާބަނޑު މީހުންނަށެވެ. މާބަނޑު ދުވަސްވަރު މިބަލި ޖެހިއްޖެ ނަމަ، އެމީހެއް ފުރާނައަށް ނުރައްކާ ވެއެވެ. މާބަނޑު މީހުންނަށް ބަލި ޖެހުމުން ބޮޑުވަރުވާއިރު ޚާއްސަކޮށް މަބަނޑު ދުވަސްވަރުގެ ދެވަނަ އަދި ތިންވަނަ ޓްރައިމިސްޓަރގައި މި ބަލިން ކުރާ އަސަރު ބޮޑުވެގެންދެ އެވެ. މީގެ އިތުރުން ބަނޑުގައިވާ ކުއްޖާ މަރުވުމާއި ބައިގެންދިއުން ފަދަ ކަންކަމަކީ ވެސް މި ބަލި ޖެހިފައިވާ މީހުންނަށް ދިމާވުން އެކަށީގެންވާ ކަމެކެވެ.

މިހެން ކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ މިބަލި ފެތުރޭ ސަރަހައްދުތަކުގައި ދިިރުއުޅޭ މާބަނޑު އަންހެނުން މި ބައްޔަށް ވީ އެންމެ ރަގަޅަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިބަލި ފެތުރޭ ދުވަސްވަރު ވެކްސިން ދިނުމުގައި މާބަނޑު މީހުންނަށް އެންމެ މުހިއްމު ސަމާލުކަމެއް ދިނުމަށް ސިއްހަތު ޖަމިއްޔާ އިން ވަނީ އެދިފަ އެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިއްޖެ ނަމަ، ފަރުވާދިނުން އަވަސް ކުރުމަށް ވެސް ސިއްހީ މާހިރުން ވަނީ ލަފާދެ އެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި ދެވޭ ފަރުވާއަކީ އެންމެ މުހިއްމު ފަރުވާ ކަމަށާއި އެފަރުވާގެ ތެރެއިން ނިއުމޯނިއާ އާއި އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާތައް ދިނުން ކުޑަކުރެވިގެންދާނެ އެވެ.

ދުނިޔޭގެ ނިސްބަތުން ބަލާ އިރު އެޗްވަންއެންވަން ޖެހޭ ގިނަ މީހުުން ހަފްތާއެއްގެ ތެރޭގައި ބަލިން ރަގަޅުވި ނަމަވެސް ބަލިޖެހޭ ބައެއް މީހުންނަށް ބަލީގައި ސީރިއަސް ހާލަތަށް ދާގަޮތް މެދުވެރި ވެއެވެ. މީގެ ތެރޭގައި މާބަނޑު އަންހެނުންނާއި ފުއްޕާމޭގެ ބަލިތަށް ހުންނަ މީހުންނާއި ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ އިތުރުން އާދަޔާ ހިލާފަށް ފަލަ މީހުންނަށް ވެސް މި ބަލީގައި ސީރިއަސް ހާލަތަށް ދިނުމަށް މަގުފަހި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ސިއްހަތު ރަގަޅު ނަމަވެސް 50 އަަހަރުން ދަށުގެ މީހުންނަށް މި ބަލީގައި ކުރާ އަސަރު ބޮޑުވާ ފަހަރު ދިމާ ވެއެވެ. އެހެން ނަމަވެސް މިބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކީއްވެގެންކަން ހޯދިފައިނުވާ ކަމަށް ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.

އެހެން ކަމުން ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ބަލިޖެހޭ މީހުން ވެސް އެބަލީގެ އަސަރު ކުރާ މިންވަރަށް ބަލައި، ބޮޑުވަރުވާ ނަމަ އެ ބައްޔަށް ވީ އެންމެ އަވަހަށް ފަރުވާ ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ލަފާދީފަ އެވެ. އެގޮތުން ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި، މީހާގެ ހަމުގެ ކުލަ ބަދަލުވުމާއި އަގައިން ލޭ އައުން ނުވަތަ ކުޅުގައި ހުންނަ ކުލަ ބަދަލުވުން ހިމެނެއެެވެ. މީގެ އިތުރުން މޭގައި ރިއްސުމާއި ހުން މަޑު ނުވެ ތިން ދުވަސް ވުމުގެ އިތުރުން ބްލަޑް ޕްރެޝަރ ދައްވުމަކީ މި ބައްޔަށް ފަރުވާ އަވަސް ކުރަންޖެހޭނެ ކަން ކަމެވެ.

މާބަނޑު މީހުންނަށް އެޗްވަންއެންވަންގެ އަސަރު ބޮަޑަށް ކުރަނީ، މާބަނޑު ދުވަސްވަރަކީ މީހާގެ ހަށިގަނޑަށް ތަފާތު ބަދަލުތަކާއި ދިފާއީ ނިޒާމަށް ވެސް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމާ އެކު އެ ދުވަސްވަރު މިފަދަ ބައްޔެއްގެ ވައިރަސްއެއް ހަށިގަނޑަށް ވަނުމުން، ދިފާއީ ނިޒާމުގެ ތެރެއިން ހަށިގަނޑު ރައްކާތެރިކުރުމަށް ދަތިތަކެއް ކުރިމަތިވާތީއެވެ. މީގެ އިތުރުން ކުއްޖާ ހަށިގަނޑުގައި ބޮޑުވަމުންދާ އިރު ފުއްޕާމެއަށް ހުންނަ ޖާގަ ކުޑަވުމުގެ ސަބަބުން ވެސް މިފަދަ ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔަކުން ކުރާ އަސަރު ބޮޑުވެގެން ވެއެވެ.

އެޗްވަންއެންވަން ވައިރަސް ޖެހިގެން މާބަނޑު މީހުން ހާލުބޮޑުވާ އިރު މި ބަލިން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެގޮތުން މާސްކް އެޅުމާއި މިދުވަސްވަރު ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިއުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 މާރޗް 2017 | ބުރާސްފަތި 16:58
އިސްމާލު
އެޗްވަން އެންވަން ހަލުވިކަމާއެކު ފެތުރެމުން ދާއިރު ހުރިހާ ސްކޫޅް ތައް ބަންދު ކުރިޔަސް ދިވެހިބަހުގެ އެކެޑަމީ އިން ކުއްލިޔާ ގަ ކުރިއައް ގެންދާ ޣައުމީ ވާހަކަދެއްކުމުގެ މުބާޜާތް ދަނީ ހަމަކުރިއައް