ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 19:13
ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެންރޫޓް ކްލިއަރެންސް ސަރވިސް ފަށްޓަވައިދެއްވަނީ
ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެންރޫޓް ކްލިއަރެންސް ސަރވިސް ފަށްޓަވައިދެއްވަނީ
އިމިގްރޭޝަން
އެން ރޫޓް ކްރިއަރަންސް ސަރވިސް
އެން ރޫޓް ކްލިއަރެންސްގެ ޚިދުމަތް ރާއްޖޭގައި އަލަށް ފަށައިފި
މި ހިދުމަތް ފަށާފައިވަނީ ހުކުރު ދުވަހު
ހިދުމަތް ފައްޓަވައި ދެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
ހިދުމަތް އަލަށް ފަށާފައިވަނީ އެމްއެސް ކޮސްޓާ ވިކްޓޯރިއާ ކްރޫޒް ލައިނަރގައި

އެން ރޫޓް ކްލިއަރަންސްގެ ޚިދުމަތް ރާއްޖޭގައި އަލަށް ފަށައިފިއެވެ.

މި ޚިދުމަތަކީ ބޭރު ޤައުމުތަކުން ރާއްޖެ އަންނަ ކްރޫޒް ލައިނަރތައް ރާއްޖެއަށް ކުރާ ދަތުރުމަތީގައި އެގައި ތިބި ފަސިންޖަރުންގެ ޕާސްޕޯޓާއި ރާއްޖެ އެތެރެވާ މީހުންގެ ޞައްޙަކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ޚިދުމަތެކެވެ. ރާއްޖޭގައި މި ޚިދުމަތް ފަށާފައިވަނީ އެމެރިކާ ސަރުކާރުން ހަދިޔާކުރި ޕޯރޓެބަލް ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ އެހީގައެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހުކުރު ދުވަހު މިހާރު ރާއްޖޭގައި ބަނދަރުކޮށްފައިވާ އެމްއެސް ކޮސްޓާ ވިކްޓޯރިއާ ކްރޫޒް ލައިނަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.

އެންރޫޓް ކްލިއަރެންސްގެ ޚިދުމަތް ފެށި ކޮސްޓާ ވިކްޓޯރިއާ އިންޑިއާގެ ކޮޗިން ބަދަރުން ރާއްޖެއަށް ކުރި ދަތުރުގައި އިމިގްރޭޝަންގެ 2 އޮފިސަރުން ބައިވެރިވިއެވެ. އަދި މި ކްރޫޒްލައިނަރ މާލެ ބަނދަރު ކުރުމުގެ ކުރިން މިދެ އޮފިސަރުން ވަނީ އޭގައި ތިބި ފަސިންޖަރުންގެ ޕާސްޕޯޓް ބަލާ ފާސްކޮށްފައެެވެ.

އެން ރޫޓް ކްލިއަރަންސްގެ ޚިދުމަތް ރޭވިފައި އޮންނަ ގޮތުން ރާއްޖެއަށް އަންނަ ފަސިންޖަރ ލައިނަރގެ ރާއްޖެއަށް ދަތުރުފަށާ ޤައުމެއްގެ ބަނދަރުން އިމިގްރޭޝަން އޮފިސަރުން އެ ކްރޫސް ލައިނަރ އަށް އަރައި ރާއްޖެ އައުމުގެ ކުރިން ދަތުރުމަތީގައި ފަސިންޖަރުން ކްލިއަރ ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަން ބުނީ މި ޚިދުމަތުގެ ސަބަބުން ރާއްޖެ އަންނަ ކްރޫޒް ލައިނަރތަކުން އެތެރެވާ ޕަސިންޖަރުންނަށް ލުއި ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެންރޫޓް ކްލިއަރެންސް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އިމިގްރޭޝަންގެ ބޭފުޅުން

ދާދި ފަހުން މަޝްހޫރު އޮކެސްޓްރަރ ކްރޫޒް ލައިނަރ އެމްއެސް އެމްސީއެސް ވަނީ ރާއްޖެއަށް ދަތުރެއްކޮށްފައެވެ. މި ކްރޫޒްލައިނަރ ރާއްޖެ އައިއިރު މީގައި 2550 ފަތުރުވެރިން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ކްރޫޒް ލައިނަރތައް އަންނަ ދުވަސްވަރެކެވެ. މި ކްރޫޒް ލައިނަރތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ފައިދާއެއް ކުރެއެވެ. އާންމު ގޮތެއްގައި ކްރޫޒް ލައިނަރއެއް ރާއްޖޭގެ ބަނދަރުގައި އޮންނަނީ ގިނަވެގެން ތިން ދުވަހަށެވެ. ކްރޫޒް ލައިނަރތައް މެދުވެރިކޮށް ރާއްޖެއަށް އެތައް ހާއްސަ ފަތުރުވެރިނެއް ފައިބައެވެ. މި ފަތުރުވެރިން ޖުމްހޫރީ މައިދާނު ކައިރީގައި ހުންނަ ގެސްޓް ސޮޕްތަކަށް ގޮސް ވިޔަފާރީ ކުރެއެވެ. އަދި ބައެއް ފަހަރު ރާއްޖޭގެ މޫދުގެ ރީތިކަން ތަޖުރިބާ ކޮށްލުމަށްޓަކައި ކައިރީގައި އޮންނަ ރަށްތަކަށް ވެސް ދަތުރުކުރެއެވެ. ރާއްޖެއަށް އަންނަ ކޮންމެ ކްރޫޒް ލައިނަރ އަކުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާގެ ފައިދާވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންސީ (މާޔާ) އިން މައުލޫމާތުދެއެވެ.

- ކޮމެންޓް