ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސްގެ އައުޓްސްޓޭޑިން ވިމެން ލީޑަޝިޕް އެވޯޑް މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާ އަށް ލިބިއްޖެއެވެ.
ފިލްމީ ދާއިރާ އިން އޭނާގެ މަސައްކަތްތައް ފާހަގަކޮށް ނަހޫއަށް އެ އެވޯޑު ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ ލަންކާގެ ހިލްޓަން ކޮލަމްބޯގައި ބާއްވި އެވޯޑް ހަފުލާގައެވެ.
އެ އެވޯޑް ލިބުމާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
ލަންކާގައި ހުރެ ރާއްޖެ.އެމްވީއަށް ދިން އިންޓަވިއުއެއްގައި ނަހޫ ބުނީ، އޭނާއަށް ލިބިގެން ދިޔަ އެވޯޑަކީ އޭނާއަށް ވަރަށްވެސް އަގުބޮޑު އެވޯޑެއް ކަމަށެވެ. ނަހޫ ބުނަނީ ފިލްމު އެވޯޑަށް މިހާރު ލުކްފޯވާޑް ނުކުރާ ކަމަށާއި އޭނާ ދެކޭ ގޮތުގައި އެއީ "ޒާތީ އެވޯޑެއް" ކަމަށެވެ.
ހުކުރު ދުވަހުގެރޭ އޮންނަ ފިލްމު އެވޯޑްގައި ނަހޫ ބައިވެރިނުވާނެއެވެ. އެހެން ނަމަވެސް އޭނާގެ ކާމިޔާބު ފިލްމު "ބޮސް" ބައެއް ކެޓަގަރީތަކުން ނޮމިނޭޓްވެފައިވާކަން ފާހަގަކޮށްލެވެއެވެ. ނަހޫ ދެކޭ ގޮތުގައި ފިލްމު އެވޯޑް ހަފްލާއަކުން ދޭ އެވޯޑަކަށް ވުރެއް ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑެއް އޭނާއަށް އެތައް ގުނައަކުން އުފާވެރިކަން ގެނެސްދެއެވެ.
އޭނާ ބުނީ ބިޒްނެސް އެކްލެންސް އެވޯޑް އޭނާ އަށް ލިބުނީ އަމިއްލަ އަށް އެދިގެން ނޫން ކަމަށެވެ.
ގާލާ ނައިޓް އަކާވެސް އެކު ބުރާސްފަތި ދުވަހުގެ ރޭ ކޮލަންބޯގައި ބޭއްވި އެވޯޑް ހަފްލާގައި ސައުތް އޭޝިއާ ސަރަހައްދުން ފާހަގަކޮށްލެވޭ ޕޮލިޓިކަލް ސޯޝަލް އިކޮނޮމިކް އަދި ކޯޕަރޭޓް އިސް ލީޑަރުން ބައިވެރިވިއެވެ.
އެ އެވޯޑާއެކު އޭނާ އުފަލުން ހުރި އިރު ނަހޫ އަކީ ގިނަ ބެލުންތެރިންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޑައިރެކްޓަރެކެވެ. ދިވެހި ރާއްޖޭގައޮ ފުރަތަމަ އުފެއްދި ވެބް ސީރީޒް "ހުވާ" އަށް ލިބުނު ކާމިޔާބީއާއެކު އޭނާ މިހާރު ވަނީ އެ ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތްވެސް ފަށާފައެވެ.
އޭގެއިތުރުން "ދަޅަ" ނަމަކަށް ކިޔާ ވެބް ސީރީޒެއްގެ ވެސް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ނަހޫ އަންނަ އަހަރު "ސޮރީ" ނަމަކަށް ކިޔާ ފިލްމެއްވެސް ގެނެސްދޭނެ ކަމަށް ކުރިން ވަނީ އިއުލާންކޮށްފައެވެ.